މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ، ނޭޕާލް އަތުން 4-1 އިން ރާއްޖެ ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު މި ގްރޫޕުން ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ނޭޕާލެވެ. ނޭޕާލާއި، ޕާކިސްތާނަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި މެޗުން އެއްވަރުކޮށްލައިގެން ރާއްޖެ އަށް ސެމީ އަށް ދެވެން އޮތް ނަމަވެސް، މި މެޗުން ބަލިވުމުން ރާއްޖެ ނިންމާލީ ގްރޫޕުގެ ފުލުގަ އޮވެގެންނެވެ. ރާއްޖެ އަށް ލިބުނީ އެއް ޕޮއިންޓެވެ.

ކަތުމަންޑޫގައި ހުންނަ ދަޝާރަތު ސްޓޭޑިއަމްގައި މިއަދު މެންދުރު ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ނޭޕާލުންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ޕްރަޝާންތު ލަކްސަމް އެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ނޭޕާލްގެ ދެވަނަ ލަނޑުޖަހައިދިނީ ސާމިރް ތަމަންގް އެވެ. އެ ޓީމުން ދެ ލަނޑުގެ ލީޑެއްނެގިތާ މާގިނައިރުތަކެއް ނުވަނީސް، އޭގެ ހަތަރު މިނެޓުފަހުން ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމު ކުރެން ކޮންމެ ޓީމެއްގެ ކުޅުންތެރިއަކަށް ސީދާ ރަތެއް ދައްކާ ވަނީ ދަނޑުން ފޮނުވާލައިފައެވެ. ރަތް ކާޑު ދެއްކީ ނޭޕާލްގެ ސުޖާން ޑަންގޯލް އާއި ރާއްޖޭގެ ކެޕްޓަން، މުޙައްމަދު އިޔާން ހަސަން އަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ 58 ވަނަ މިނެޓުގައި އާދަމް ލަޔާން ރަޝީދު ވަނީ ރާއްޖެ އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، ރާއްޖޭން ލަނޑެއްޖަހަން ކުރި މަސައްކަތުގެ ތެރެއިން ލިބުނު ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ނޭޕާލްގެ ތިންވަނަ ލަނޑުޖަހައިދިނީ ނިރާޖަން ދާމީ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ނޭޕާލްގެ ފަހު ލަނޑުޖަހައިދިނީ އެ ޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރި ސާމިރް އެވެ.

މި މުބާރާތުގައި މިއަދު ކުޅުނު މެޗުތަކަށްފަހު ސެމީގެ އަނެއް ދެ ޖާގަ ހޯދީ އިންޑިއާ އާއި ބޫޓާނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަވާލާ

    ކޮބާ މިއުޅޭ ކިބުރުވެރި މަހުލޫފު މިވެސް ޗޯރު އިބޫގެ ކާމިޔާބީދޯ ، ދެން ހުރިހާ ދިވެހިން ކޮނޑުހުޅުން އަތްވަކިވަންދެން ބާރަށް އަތްޖަހާ ، ދިވެހިންނަށް އެމްޑީޕީ ފުދިއްޖެ ފުދި އިތުރުވެސް ވެއްޖެ ދެން ހޯ ހޯ ހޯ