އޭއެފްސީ ކަޕްގައި މިރޭ ރަށުން ބޭރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ފަހުވަގުތު އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓް މޮޅުވެއްޖެއެވެ.

މި މެޗުން މޯހަން ބަގާން މޮޅުވީ 2-1 އިންނެވެ. މިއީ މާޒިޔާ އަތުން މޯހަން ބަގާން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.

މި ނަތީޖާއާއެކު މި ދެ ޓީމު ހިމެނޭ ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު ދެ މެޗަށްފަހު އެއްވަނައިގައި މޯހަން ބަގާން އޮތީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިނެއްގައި އޮތް ބަޝުންދަރާ ކިންގްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މާޒިޔާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް އޮޑީޝާ އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ކަލްކަތާގައި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް މޯހަން ބަގާން އެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ސްކޮޓްލެންޑްގެ ފޯވާޑް، ޖޭސަން ކަމިންގްސް އެވެ.

އޭގެފަހުން، މެޗުގެ 41 ވަނަ މިނެޓުގައި މޯހަން ބަގާން އަށް ލީޑް ފުޅާކުރަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމަށް ޕެނަލްޓީއެއް ލިބުމުން އެ ބޯޅަ ފޮނުވާލުމުގެ ބަދަލުގައި ކަމިންގްސް މަޑު މަޑުން ޖައްސާލި ބޯޅައަށް މަސައްކަތްކުރި ޑިމިޓްރިއޯސް ޕެޓްރާޓޯސް ފޮނުވާލުމުގެ ކުރީން މާޒިޔާގެ ކުޅުންތެރިން ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.

މޯހަން ބަގާންއާ މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: މޯހަން ބަގާން

މާޒިޔާ އިން އެއްވަރުކުރި ލަނޑު، 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮމޯކީ ވާޑާ އެވެ. މިއީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ވާޑާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ އިތުރުވަގުތުގައި މޯހަން ބަގާން މޮޅުވި ލަނޑުޖަހައިދިނީ ވެސް ކަމިންގްސް އެވެ. މިއީ އެ ޓީމުގެ ސަހާލް އަބްދުލް ސަމަދު ދިން ބޯޅައަކުން ވަރަށް ހަނި އޭންގަލަކުން ކަމިންގްސް ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ބަޝުންދަރާ ވަނީ 3-2 އިން އޮޑީޝާ ބަލިކޮށްފައެވެ.

މި މުބާރާތުގައި މާޒިޔާ އަށް ދެން އޮތީ މި މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ ބުބަނޭޝްވަރުގައި އޮޑީޝާއާ ބައްދަލުކުރާ މެޗެވެ.