ހދ.މަކުނުދޫގައި އިއްޔެ ބޭއްވި ސައިކަލް ރޭހުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ.

ސައިކަލް ރޭހެކޭ ބުނުމުން ސިފަވެގެންދަނީ ޒުވާން އުމުރުފުރައިގެ ފިރިހެނުން ބޭނުން ގޮތަކަށް ސައިކަލް ގެންގުޅޭ މަންޒަރެވެ. އެވަގުތު ސައިކަލް ވެގެންދަނީ އެމީހުންގެ އަތްމަތީ ގެންގުޅޭ ފޯނުފަދަ ކުޅޭ އެއްޗަކަށެވެ. މިފުރުސަތު ވެގެންދަނީ ބަލަން ތިބޭ މީހުންނަށް ޗަރުކޭސް ދައްކާލާ އެމީހުންގެ ކުޅަދާނަކަން ދައްކާލަން ލިބިގެންދާ ފުރުުސަތެކެވެ.

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިއްޔެ މަނުކުދޫގައި ވަނީ ރޭސިން އިވެންޓެއް ބާއްވާފައެވެ. މިއިވެންޓުން ފެނިގެންދިޔަ ތަފާތު ކަމަކީ މި ރޭހުގައި ޒުވާން 3 އަންހެން ކުދިން ބައިވެރިވުމެވެ. އޭގެތެރޭގައި މޫނުބުރުގާ އަޅައިގެން ހުރި ކުއްޖަކުވެސް ހިމެނެއެވެ.

މި އިވެންޓާއި ބެހޭގޮތުން "ވަގުތު"އަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަނުން ބުނީ އިއްޔެ ބޭއްވީ މުޅިން ތަފާތު އިވެންޓެއް ކަމަށާއި މީގެ ކުރިން ރޭސިން އިވެންޓުތަކުގައި އަންހެން ކުދިން ބައިވެރިވާން ޖެހިލުންވާ ކަމަށެވެ. އަދި މިއީ ވިމެން އެމްޕަވަރމެންޓަށް ކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރޭސިންއަކީ އަންހެންކުދިންނަށް ވެސް ކުރިޔަށް ދެވިދާނެ ދާއިރާއެއްކަން މި ތިން ޒުވާނުން ވަނީ ދައްކައިދީފައެވެ. މަކުނުދޫ ވަލުތެރޭގައި ބޭއްވުނު މިއިވެންޓުގައި އަންހެން ކެޓެގަރީއިން އެއްވަނަ ހޯދާފައިވަނީ ތޯހިރާ އަބޫބަކުރު، ދެވަނައަށް އާޝާން އަބްދުލް ހަކީމް ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ ޚަދީޖާ އަލީއެވެ.

ފިރިހެން ކެޓަގަރީއިން އެއްވަނަ ހާސިލްކޮށްފައިވަނީ އެ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ރޭޙުގައިވެސް އެއްވަނަ ހޯދި އަހުމަދު އަމީޒް އަބްދުﷲ އެވެ.

ރޭސިން އެސޯސިއޭޝަނުން ބުނިގޮތުގައި މި ކަން އިންތިޒާމް ކުރުމުގައި މަކުނުދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ.

މަކުުނުދޫއަކީ ރޭސިންގެ ގިނަ އިވެންޓުތައް ބާއްވާ ގިނަ ފަންނާނުން ތިބޭ ރަށެކެވެ. އެހެންނަމަވެސް މިރަށުގައި ރޭސިން ކުރިޔަށް ގެންދަންޖެހެނީ ވަލުތެރޭ މީހުން ދިރިނޫޅޭ ސަރަހައްދެއްގައެވެ. އެހެންކަމުން މިރަށަކީ ރޭސިންގ ޓްރެކްއެއް އަޅަންޖެހޭ ރަށެކެވެ.

ރާއްޖޭގައި އަންހެން ކުދިން މިހާރު ދަނީ މިދާއިރާއަށްވެސް ނުކުންނަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ސައިކަލު ރޭސްގެ އަންހެން ޗެމްޕިއަނަށް ހޮވިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއަށް އުފަން ޖުވައިރިޔާ މުހައްމަދު (ޖޫލީ)އެވެ.