ރޭ ކުޅެވުނު ކޮޕާ އެމެރިކާގެ މުބާރާތުގެ ފުރަތަމަ މެޗު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ 2-0ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށްގެންނެވެ.

އެމެރިކާގެ ޖޯޖީނިއާގެ އެޓަލަންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާގެ ޓީމުން ދިޔައީ ކެނެޑާ ޓީމަށް ޕްރެޝަރުކޮށް، ފުރަތަމަ ކޮޅު ގޯލެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކެނެޑާގެ ޑިފެންޑަރުން ތިބީ އެކަމަށް ވަރަށް ބޮޑަށް ހުށިޔާރު ވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކެނެޑާގެ ޑިފެންޑަރުން ވަނީ އާޖެންޓީނާގެ ކުޅުންތެރިން ހުއްޓުވާފައެވެ.

އޭގެ ފަހުން ކެނެޑާގެ ކުޅުންތެރިން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވެެދެފައެވެ. އަދި އާޖެންޓީނާ ކޮޅަށް ނުރައްކާ ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ކޮޕާ އެމެރިކާ މުބާރާތުގައި އާޖެންޓީނާއާއި ކެނެޑާ ބައްދަލު ކުރި މެޗުގައި އާޖެންޓިނާގެ ފުރަތަމަ ގޯލު ޖެހި އަލްވަރޭޒް-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގާފައިވަނީ އާޖެންޓީނާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެނެޑާގެ ކީޕަރު، މެކްސިމް ކްރެޕިއު ކައިރިން ހަނި ގޮތަކަށް މެކަލިސްޓާ ތަނަވަސްކޮށްދިން ބޯޅައަކުން، ޖޫލިއަން އަލްވަރޭޒްއެވެ.

އަލްވަރޭޒްގެ މި ލަނޑަށްފަހު ވެސް ލީޑު ފުޅާ ކުރަން އިތުރު ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް ކެނެޑާގެ ކީޕަރު ވަނީ އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާ ހުއްޓުވާފައެވެ.

މި މެޗުގައި ކެނެޑާގެ ކީޕަރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ، ކެނެޑާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާވެސް ކެނެޑާގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.

ކޮޕާ އެމެރިކާ މުބާރާތުގައި އާޖެންޓީނާއާއި ކެނެޑާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ ދެވަނަ ގޯލު އާޖެންޓީނާއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒްއެވެ. މާޓިނޭޒް މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެސީ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

މިނަތީޖާއާއި އެކު މެޗު ނިމިގެން ގޮސްފައިވާއިރު، މި މުބާރާތުގައި ދެން އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވަނީ ޗިލީއާއި ދެކޮޅަށް މިމަހުގެ 26 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވާއިރު، 2021 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް އާޖެންޓީނާކަން ފާހަގަ ކޮށްލެވެއެވެ.