ކޮލަމްބިއާގެ ކުރީގެ ކެޕްޓަން ފްރެޑީ ރިންކޮން ކާރު އެކްސިޑެންޓެއްގައި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި އުމުރުން 55 އަހަރުގައި މަރުވެއްޖެއެވެ.

ކޮލަމްބިއާގެ ކާލީގައި ހޯމަ ދުވަހު އޭނާ ދުއްވި އުޅަނދު ބަހެއްގައި ޖެހި އެކްސިޑެންޓްވެ ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓާއި ގުޅިގެން ރިންކޯން އަށް ފަރުވާ ދިން ކާލީގައި ހުންނަ އިމްބަނާކޯ ކްލިނިކްގެ މެޑިކަލް ޑިރެކްޓަރު ލައުރިއާނޯ ކުއިންޓޭރޯ ބުނީ އޭނާގެ ޓީމުން ރިންކޯން ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވާ ގޮތް ނުވި ކަމަށެވެ.

ކޮލަމްބިއާގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްސީއެފް އިން ވަނީ ރިންކޮންގެ މަރާއި ގުޅިގެން ހިތާމަ ފާޅުކޮށް ޓުވީޓެއްވެސް ކޮށްފައެވެ. އެ ފެޑެރޭޝަނުން ބުނީ ރިންކޯން މަތިން ހަނދާން ކުރާކަމަށެވެ. އަދި ވަކިވެގެން ދިޔައީ މޮޅު ކުޅުންތެރިއެއްކަން ފާހަގަ ކޮށްފައި ވެއެވެ.

ރިންކޮންގެ ފުޓްބޯޅަ ކެރިއާއަށް ބަލާއިރު، ބްރެޒިލްގެ އައުޓްފިޓް ޕަލްމެއިރާސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ ކޮލަމްބިއާގެ ދެ ކުލަބު ކަމަށްވާ ސަންޓާ ފާ އާއި އެމިރިކާއާ ގައިވެސް މަސައްކަތް ކޮށްފަ އެވެ. 1995 ވަނަ އަހަރު ނަޕޯލީއާއެކު ލޯން އުސޫލުން ރެއާލް މެޑްރިޑާއެކު ސޮއިކުރިއިރު، އޭނާ ވަނީ ދެކުނު އެމެރިކާއަށް އެނބުރި އައުމުގެ ކުރިން ބެރުނަބޭއުގައި ދެ ސީޒަން ހޭދަކޮށްފަ އެވެ.

2000 ވަނަ އަހަރު އޭނާ ވަނީ ބްރެޒިލްގެ ސައިޑް ކޮރިންތިއަންސްގެ ކެޕްޓަންކަން ކޮށް، ކްލަބް ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ތަށި އުފުލާލާފައެވެ.

މީގެ ކުރިންވެސް އޭނާ އެކްްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެއީ 2013 ވަނަ އަހަރުއެވެ. އެފަހަރު ބޮޑު އެކްސިޑެންޓެއްވެ ބޮލުގެ ނާށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެފަހަރު އޭނާގެ ބޮލުގެ އޮޕަރޭޝަނެއްވެސް ކޮށްފައި ވެއެވެ.