ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-0 އިން ފްރާންސްގެ ޕީއެސްޖީ މޮޅުވިއިރު، ނިއުކާސަލް ޔުނައިޓެޑާ އޭސީ މިލާން ބައްދަލުކުރި މެޗުން ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ވަނީ ނީސް އަތުން 3-2 އިން ބަލިވެފައެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީ އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭއެވެ. މިއީ އެމްބާޕޭ ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރެއިން ޑޯޓްމަންޑްގެ ނިކްލަސް ސޫލޭ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ގޯލަކީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި އެމްބާޕޭ ޖެހި 11 ވަނަ ލަނޑެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައިދިނީ މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ އެވެ. މިއީ އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ވިޓީނިއާ ދިން ޕާހަކުން ހަކީމީ ކާމިޔާބުކުރި ގޯލެކެވެ.

އޭސީ މިލާންއާ ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މިލާންގެ ދަނޑުގައި ނިއުކާސަލް އެއްވަރުވިއިރު، ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އާއި މެޗުގެ ފަހުބައިގައި މިލާންގެ ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ވިހި އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގާއި ކުރިމަތިލި ނިއުކާސަލް އަށް މި މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި އެ ޓީމުގެ އިނގިރޭސި ކީޕަރު، ނިކް ޕޯޕް ވަނީ މުހިއްމު ސޭވްތަކެއްކޮށްފައެވެ.

މި މެޗުގައި ނިއުކާސަލް އިން މިލާންގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވުނީ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. އެ ޓީމުގެ ޝޯން ލޯންގްސްޓާފް ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު، މައިކް މައިގްނޯން ވަނީ ހުއްޓުވާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް އީ ގައި ހިމެނޭ ސެލްޓިކް އަތުން 2-0 އިން ފެޔަނޫޑް ވަނީ މޮޅުވެފައެވެ. މި ގްރޫޕްގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ލާޒިއޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު