ޓޮޓެންހަމް ހޮޓްސްޕާގެ ކްރޮއޭޝިއާ ވިންގް، އިވާން ޕެރިސިޗަށް އަނިޔާވެ، މި ސީޒަނުގެ ބާކީ ބައިގައި ދެން ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ޕެރިސިޗްގެ ކަނާތު ކަކުލަށް އަނިޔާވީ ނޮން ކޮންޓެކްޓް ޓްރެއިނިންގ ތެރޭގައިކަން ޓޮޓެންހަމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕެރިސިޗް، 34، އަށް ކުރިމަތިވީ މި އަނިޔާގެ ސަބަބުން މިވަގުތު ރަނގަޅު ފޯމެއްގައި ޓޮޓެންހަމްގެ ކުރިއަށް އޮތް ދެ ތިން މަހުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ގެއްލޭނެކަން ކަށަވަރުވެފައިވާއިރު، ކުޅުމަށް އެނބުރި އާދެވޭނެ ދުވަހެއް އެނގޭނީ ކަކުލުގެ އޮޕަރޭޝަން ކުރުމުންނެވެ.

މިދިޔަ އަހަރުގެ ސީޒަނަށް އިންޓަ މިލާނުން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްއާ ގުޅުނު ޕެރިސިޗް އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ޖުލައި މަހުގައެވެ.

މީގެކުރީން، ބަޔާން މިއުނިކާއިއެކު 2019/20 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، 2020/21 ވަނަ އަހަރުގެ ސީޒަނުގައި އިންޓަ މިލާނާއެކު ލީގު ޗެމްޕިއަންކަން ހޯދާފައިވާ ޕެރިސިޗް މި ފަހަރުގެ ސީޒަނުގައި މިހާތަނަށްއައިއިރު ޓޮޓެންހަމްގެ ޖާޒީގައި ކުޅެން ނިކުތް ފަސް މެޗުން ވެސް ކުޅެން އެރީ ބެންޗުންނެވެ.

އައު ކޯޗު އެންޖެލޯސް ޕޯސްޓެކޯގްލޫގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ސީޒަނުގައި ތަފާތު މޮޅު ފޯމެއްގައި އޮތް ޓޮޓެންހަމް މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، ތާވަލްގެ އެންމެ ކުރީގައި ވާދަކުރަމުން އަންނަ ހަތަރު ޓީމުގެ ތެރޭގައި ވަނީ ހިމެނިފައެވެ.