ބާސެލޯނާގެ އެތެރޭގެ ސަގާފަތަކީ މެންޗެސްޓާ ސިޓީއާ މުޅިން ތަފާތު ސަގާފަތެއް ކަމަށާއި، މިހާރު އޮތް ޒުވާން ޓީމު އަންނަނީ ކުރިއަރަމުން ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާގައި އިނގިރޭސި ވިލާތުގެ، ޗެމްޕިއަން ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމަށްފަހު ގުންޑޮގާން ވަނީ އޭނާގެ މިހާރުގެ ޓީމާއެކު އިތުރު ޓްރޮފީތައް ހާސިލްކުރުމަށް ހުޅުވިގެންމިދިޔަ ފުރުސަތާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ.

"އަހަރެން ސިޓީގައި ހޭދަކުރީ ހަތް އަހަރުގެ ތެރޭގައި ކޮންމެ ސީޒަނަކު ހުރިހާ ތައްޓެއް ނުވަތަ، ކާމިޔާބީއެއް ނުހޯދުނު ނަމަވެސް އެންމެ ފަހުން ކުޅުނު ތިން ސީޒަން ނިމިގެންދިޔައީ ވަރަށް ފުރިހަމަކޮށް،" އެލް ޕައިސް އަށް ގުންޑޮގާން ބުންޏެވެ.

ގުންޑޮގާން، 32، ވަނީ އަނެއްކާވެސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، އެކަމަކު ބާސެލޯނާގެ މިހާރުގެ ހާލަތު އެނގޭ ކަމަށް ބުނެފައެވެ. އޭނާ ބުނީ އެ ކްލަބަކީ މިހާރު ބިނާކުރަމުންދާ ޓީމެއް ކަމަށެވެ.

"މި ޓީމަކީ ވަރަށް ޒުވާން ޓީމެއް. އެކަމަކު، މިއީ ޕޮޓެންޝިއަލް ހުރި ކޮލިޓީ ޓީމެއް." ނިންމާލަމުން ގުންޑޮގާން ބުންޏެވެ.