ސައުދީ ޕްރޯ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެންޑަސަން ޓަލިސްކާ ޖެހި ލަނޑުތަކާއެކު އަލް އަހްލީ އަތުން 2-3 އިން އަލް ނަސްރު މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ފަސްވަނަ ފަހަރެވެ.

މި ނަތީޖާއާއެކު އަލް ނަސްރު އޮތީ ތާވަލްގެ އެންމެ ކުރީގައި އުޅޭ އަލް އިއްތިހާދަށް ވުރެ ތިން ޕޮއިންޓް ފަހަތުން ފަސްވަނައިގައެވެ. އަލް ނަސްރަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން އަލް އަހްލީ އޮތީ ހަވަނައިގައެވެ.

ރޭގެ މެޗު ފެށިގެން އަލް ނަސްރުން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވާލައިފައިވަނީ އަލް އަހްލީ އިންނެވެ. އެކަމަކު، ރޭގެ މެޗުގައި ކުރީން ލީޑްނެގީ އަލް ނަސްރު އެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކެޕްޓަން، ރޮނާލްޑޯ އެވެ. މިއީ އެ ޓީމުގެ ސެނެގޯލް ފޯވާޑް، ސަޑިއޯ މާނޭ ދިން ބޯޅައަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 17 ވަނަ މިނެޓުގައި އައިމެރިކް ލަޕޯޓް ދިން ބޯޅައަކުން ޓަލިސްކާ ވަނީ އަލް ނަސްރުގެ ލީޑް ފުޅާކޮށްދީފައެވެ. އެކަމަކު، މެޗުގެ 30 ވަނަ މިނެޓުގައި ފްރޭންކް ކެސިއޭގެ ގޯލުން އަލް އަހްލީ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޓަލިސްކާ ވަނީ ގޯލެއް ކާމިޔާބުކޮށް އަލް ނަސްރުގެ ލީޑް ދަމަހައްޓައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި އަލް އަހްލީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އަލްޖީރިއާ ވިންގް، ރިޔާދް މާރޭޒް ވަނީ އަނެއްކާވެސް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ދެ ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޓަލިސްކާ އެވެ. މިއީ ލީގުގައި އެ ޓީމަށް ރޮނާލްޑޯ ޖަހައިދިން ނުވަ ވަނަ ގޯލެވެ. ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް ރޮނާލްޑޯ އެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އަލް އަހްލީގެ ފިރާސް އަލް-ބުރައިކާން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މި ގޯލަށްފަހު ދެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވި މެޗު ނިމިގެންދިޔައީ އަލް ނަސްރު 4-3 އިން މޮޅުވެގެންނެވެ.