ޖަރުމަނު ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ކާމިޔާބުކުރި ހެޓްރިކާއެކު ބޯކުމް އަތުން 7-0 އިން މޮޅުވެ، އެ ޓީމުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ބަޔާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ވީއެފްބީ ސްޓުޓްގާޓް އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓްް ލިބިގެން ޖެހި ގޯލްގެ ތަފާތުން ތިނެއްގައި އޮތީ އާރްބީ ލީޕްޒިގެވެ. ފައިދާ ގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތް ހޮފެންހެއިމް އަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެލިއާންޒް އެރީނާގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ގޯލްޖެހީ އިނގިރޭސި ކެޕްޓަން، ކޭންއެވެ. އޭނާ ވަނީ އިތުރު ދެ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. ރޭގެ މެޗުގައި ޖެހި ލަނޑުތަކާއެކު ކޭން ވަނީ މިހާތަނަށް ބަޔާނަށް ލީގުގައި ކުޅުނު ފަސް މެޗުގައި ހަތް ގޯލް ޖަހައިފައެވެ.

ބަޔާންގެ އަނެއް ލަނޑުތައް ޖަހައިދިނީ އެރިކް މެކްސިމް ޗޫޕޯ-މޯޓިން، މަތައިސް ޑި ލިޓް، ލެރޯއީ ސާނޭ އަދި މަތީސް ޓެލްއެވެ.

ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވުލްފްސްބާގް ބަލިކޮށްފައެވެ. ޑޯޓްމަންޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ކެޕްޓަން، މާކޯ ރެއުސްއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ބަޔާ ލެވަކޫސަންގެ ދަނޑުގައި އެފްސީ ހެއިޑެންހެއިމްއާ ބައްދަލުކުރާއިރު އެއިންޓްރަކްޓް ފްރޭންކްފާޓް ނިކުންނާނީ ފްރެއިބާގްއާ ދެކޮޅަށެވެ.