ދެހާސް އަށާވީސް ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު އިންގްލެންޑާއި އަޔަލޭންޑަށް ދިންއިރު، އޭގެ ހަތަރު އަހަރު ފަހުން ބާއްވާ ޔޫރޯގެ ހޯސްޓުންގެ ގޮތުގައި އިޓަލީ އާއި ތުރުކީ، ޔުއެފާ އިން ކަނޑައަޅައިފިއެވެ.

މިދިޔަ ހަފްތާގައި އިޓަލީ އާއެކު ތުރުކީން ގުޅިގެން 2032 ވަނަ އަހަރުގެ މުބާރާތް ހޯސްޓްކުރުމަށް ހުށަހެޅި ބިޑް ގަބޫލުކުރުމާއެކު، ކުރީން ޔޫރޯ 2028 ހޯސްޓްކުރުމަށް ތުރުކީން ޝައުގުވެރިކަން ފާޅުކޮށް ވަކިން ކުރި ބިޑްނެގުމާއެކު މިހާރު މިވަނީ އަންނަ އަހަރުގެ ޔޫރޯ އަށްފަހު ދެން ކުރިއަށް އޮތް ދެ މުބާރާތުގެ ހޯސްޓުން ކަށަވަރުވެފައެވެ.

ޔޫރޯ 2028 ހޯސްޓްކުރުމަށް ބިޑް ހުށަހެޅުމަށްފަހު ތުރުކީން ވަކިވުމާއެކު، އެ މުބާރާތަށް ޖޮއިންޓް ބިޑްކުރި ގައުމުތަކުގެ ގޮތުގައި އޮތީ އިންގްލެންޑާއި، ނޮދަން އަޔަލޭންޑްގެ އިތުރުން އަޔަލޭންޑް އާއި ސްކޮޓްލެންޑް އަދި ވޭލްސްއެވެ.

އިނގިރޭސި އެފްއޭގެ ޗެއާ، ޑެބީ ހުވިޓް ވިދާޅުވީ، ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ފަސް ގައުމުގެ މެދުގައި ގުޅުން ބަދަހިވެ، އެއްބައިވަންތަކަން އުފެދިފައިވާ ކަމަށެވެ.

2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެގެންދާނީ އިންގްލެންޑާއި އަޔަލޭންޑް ގުޅިގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް އާއި ކާޑިފްގައި ހުންނަ ވޭލްސްގެ ނޭޝަނަލް ސްޓޭޑިއަމްގެ އިތުރުން ގްލާސްގޯގެ ހޭމްޕްޑެން ޕާކް އަދި ޑަބްލިންގެ އަވީވާ ސްޓޭޑިއަމް ހިމެނޭ ގޮތަށް މި ފަސް ގައުމަށް ނިސްބަތްވާ ތަފާތު 10 ސްޓޭޑިއަމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު