ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މޮންޓްޕެލިއާ 0-3 އިން ބަލިކޮށް، ޕީއެސްޖީން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނީސް އަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އޭއެސް މޮނާކޯ ތިންވަނައިގައި އޮތީ 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އޮތް ލިއްލެ އަށް 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ޕީއެސްޖީގެ މޮރޮކޯ ފުލްބެކް، އަޝްރަފް ހަކީމީ ދިން ބޯޅައަކުން ކަންގް-އިން ލީ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ.

މި މެޗުގައި ޕީއެސްޖީން ޖެހި ދެވަނަ ލަނޑު، 58 ވަނަ މިނެޓުގައި ވަރެން ޒައިރް-އެމެރީ ކާމިޔާބުކުރީ އެ ޓީމުގެ ފްރާންސް ވިންގް، އޮސްމާނޭ ޑެމްބެލޭ ދިން ބެކްހީލް ޕާހަކުންނެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑުޖެހިތާ 8 މިނެޓުފަހުން، އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގީޒް މިޑްފީލްޑަރު، ވިޓީނިއާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ހަކީމީއެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި؛ ލޮރިއެންޓްއާ ލެންސް ބައްދަލުކުރާއިރު، އޮލިމްޕިކް މާސޭ ނިކުންނާނީ ލިއްލެއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު