އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 0-2 އިން ނޮޓިންހަމް ފޮރެސްޓް މޮޅުވެއްޖެއެވެ.

މިއީ ލީގުގައި ނޮޓިންހަމުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެތެރެއިން، ހަތަރު މެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި މޮޅުވީ މިދިޔަ ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު ރަށުން ބޭރުގައި ޗެލްސީ އަތުންނެވެ.

ސިޓީ ގްރައުންޑްގައި މިރޭ ކުޅުނު މެޗު ފެށިތާ ފަސްވަނަ މިނެޓުގައި ނޮޓިންހަމުން ލީޑްނެގީ ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން އޯލާ އައިނާ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އެ ޓީމުގެ އެންތަނީ އެލަންގާ އާއި ހެރީ ޓޮފޯލޯ ގުޅިގެން އުފެއްދި އެޓޭކަކުން އައިނާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި ވިލާގެ އިޓަލީ ވިންގް، ނިކޮލޯ ޒަނިއޯލޯ އަށް ލަނޑުޖަހަން ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވިއިރު، ނޮޓިންހަމްގެ ލީޑް ފުޅާކޮށްދޭން ނިކޮލަސް ޑޮމިންގޭޒް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުމެއްނުހިފުނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތަނާ ވިލާގެ އިނގިރޭސި ފޯވާޑް، އޮލީ ވޮޓްކިންސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ނޮޓިންހަމްގެ ގޯލްކީޕަރު، އޮޑީސިއަސް ވްލަޗޮޑިމޮސް ހުއްޓުވިއެވެ.

ނޮޓިންހަމުން ޖެހި ދެވަނަ ލަނޑު، 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޯރެލް މަންގާލާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޓޮފޯލޯ އެވެ.

މި މެޗުން ހޯދީ މޮޅާއެކު، ކުރިން 16 ވަނައިގައި އޮތް ނޮޓިންހަމުން ވަނީ 11 މެޗުން 13 ޕޮއިންޓް ހަމަކޮށް، ތާވަލްގެ 12 ވަނަ އަށް ޖެހިލައިފައެވެ. ވިލާ އޮތީ 11 މެޗުން ލިބުނު 22 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު