ޔުއެފާ ޔުރޮޕާ ލީގުގެ ގްރޫޕް އީ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފްރާންސްގެ ޓުލޫސް އަތުން 3-2 އިން ލިވަޕޫލް ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ ޔުރޮޕާ ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އޭގެކުރީން، އެ ޓީމު ކުޅުނު ތިން މެޗުން ވަނީ މޮޅުވެފައެވެ. އަނެއްކޮޅުން، މިއީ ޓުލޫސްގެ ދެވަނަ މޮޅެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އަދިވެސް އުޅެނީ ލިވަޕޫލެވެ. ލިވަޕޫލަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޓުލޫސް ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ޔޫނިއަން ސެއިންޓް ގިލޮއިސް އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ލާސްކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޓުލޫސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ލިވަޕޫލުން ބޯޅަ ގެންގުޅެފައިވީ ނަމަވެސ،ް ކުރީން ލީޑް ނެގީ ވެސް ޓުލޫސް އިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އާރޮން ޑޮނުމް އެވެ. މި ގޯލާއެކު ޓުލޫސް އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ލިވަޕޫލުން ދެވަނަ ހާފަށް ނިކުތްއިރު އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު އާއި ޓްރެންޓް އަލެގްޒެންޑާ-އާނޯލްޑް އަދި ޑޮމިނިކް ސޮބޯޒްލާއީ ވަނީ ކުޅެން ނެރެފައެވެ.

ލިވަޕޫލުން މިގެނައި ބަދަލުތަކާއެކު ވެސް، މި މެޗުގައި ދެން ފެނިގެންދިޔަ ލަނޑުޖެހީ ވެސް ޓުލޫސް އިންނެވެ. ފަހު ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ވިންސެންޓް ސިއޭރޯ ދިން ބޯޅައަކުން ތައިސް ޑާލިންގާއެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑަކީ، 74 ވަނަ މިނެޓުގައި ޓުލޫސްގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ލިވަޕޫލްގެ ޖޯ ގޯމޭޒް ބޮލުން ފޮނުވާލި ބޯޅައެއް ޓުލޫސްގެ ކްރިސްޓިއަން ކަސެރެސް ގައިގަ ޖެހިފަ ވަތް ގޯލެކެވެ.

އޭގެ ދެ މިނެޓު ފަހުން، ޓުލޫސްގެ ފްރޭންކް މަގްރީ ވަނީ އެ ޓީމުގެ ގެބްރިއެލް ސުއާޒޯ ނެގި ހުރަހެއްގެ އެހީގައި އެ ޓީމުގެ ލީޑް ދަމަހައްޓައިދީފައެވެ. އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިވަޕޫލްގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޔޮޓާ ވަނީ އެ ޓީމަށް އަލުން ފަރަގު ކުޑަކޮށްދީފައެވެ.

އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލުން އިތުރު ގޯލެއްޖަހައި، ނަތީޖާ އެއްވަރުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ އެ ޓީމުގެ ކުއަންސާ ގޯލްގެ ތެރެއަށް ފޮނުވާލުމުގެ ކުރީން އެލެކްސިސް މެކްއެލިސްޓާގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު