ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ބްރައިޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިއިރު، އޭއެސް ރޯމާ ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި އަޔެކްސް އަތުން 0-2 އިން ބްރައިޓަން ވަނީ މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން ވެސްޓް ހޭމް މޮޅުވީ 1-0 އިންނެވެ. ސްލާވިއާ ޕްރާގުގެ ދަނޑުގައި އެ ޓީމު އަތުން ރޯމާ ބަލިވީ 2-0 އިންނެވެ.

އަޔެކްސްގެ އެމްސްޓެޑަމް އެރީނާގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އިން ލީޑްނެގީ 15 ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް، އަންސޫ ފާޓީ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ސިމޯން އަޑިންގްރާއެވެ.

މި މެޗުގައި ބްރައިޓަން އިން ޖެހި ދެވަނަ ލަނޑު، 53 ވަނަ މިނެޓުގައި ކައުންޓައެޓޭކެއްގައި ކާމިޔާބުކުރީ އަޑިންގްރާ އެވެ. މި ފުރުސަތު ތަނަވަސްކޮށްދިނުމުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިން ފާޓީގެ ދައުރު ބޮޑެވެ.

މި ނަތީޖާއާއެކު ބްރައިޓަން ވަނީ ގްރޫޕް ބީ ގެ އެންމެ ކުރީގައި އުޅޭ ފްރާންސްގެ އޮލިމްޕިކް މާސޭއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ. މާސޭ ވަނީ ރޭ ރަށުން ބޭރުގައި އޭއީކޭ އެތެންސް އަތުން 0-2 އިން ހޯދީ މޮޅާއެކު، ހަތަރު މެޗުން 8 ޕޮއިންޓް ހަމަކޮށްފައެވެ. ބްރައިޓަން ދެވަނައިގައި އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އޭއީކޭ އެތެންސް އަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އަޔެކްސް އޮތީ ދެ ޕޮއިންޓާއެކުއެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އޮލިމްޕިއާކޯސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ. މި މެޗުގައި އޮލިމްޕިއާކޯސްގެ މުޙައްމަދު ކަމާރާ ވަނީ އެ ޓީމަށް ލަނޑެއްޖެހުމާ ގާތަށް ޖެހިލައިފައެވެ. ކަމާރާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޖަރުމަނުގެ ފްރެއިބާގް ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސާބިއާގެ ބަކާ ޓޮޕޯލާ ބަލިކޮށްފައެވެ. މިއާއެކު، އެ ޓީމުން ވަނީ ގްރޫޕް އޭ ގެ އެއްވަނައިގައި އުޅޭ ވެސްޓް ހޭމްއާ އެއްވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. ވެސްޓް ހޭމަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތިންވަނައިގައި އުޅޭ އޮލިމްޕިއާކޯސް އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބަކާ ޓޮޕޯލާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ރޯމާ ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ވަސްލާވް ޔުރެކާ އާއި ލޫކަސް މަސޮޕުސްޓް އެވެ.

އަޒަރުބައިޖާންގެ ގަރަބާގްގެ ދަނޑުގައި ލެވަކޫސަން މޮޅުވީ މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ފޯވާޑް، ވިކްޓަ ބޮނިފޭސް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ބޮނިފޭސް ކާމިޔާބުކުރި ގޯލެކެވެ.