ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީ ގައި ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި މޯލްޓާ އަތުން 0-2 އިން އިންގްލެންޑް މޮޅުވިއިރު، އުތުރު މެސެޑޯނިއާ 2-5 އިން ބަލިކޮށް އިޓަލީން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި އުޅޭ އިންގްލެންޑަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އިޓަލީ އެވެ. ތިންވަނައިގައި އޮތް ޔޫކްރޭނަށް ވެސް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އިޓަލީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އުތުރު މެސެޑޯނިއާ އޮތީ ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފުލުގައި އޮތް މޯލްޓާ އިން ގްރޫޕް ސްޓޭޖް ނިންމާލީ 8 މެޗުން ޕޮއިންޓެއްނުލިބިއެވެ.

ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިޓަލީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ވިންގް، ފެޑެރީކޯ ކިއޭސާ އެވެ. ރޭގެ މެޗު ފެށިތާ 17 ވަނަ މިނެޓުގައި އިޓަލީ އަށް ލީޑްނަގައިދިނީ މަޓެއޯ ޑަމިއާން އެވެ. މިއީ އެ ޓީމުގެ ޖިއަކޮމޯ ރަސްޕަޑޯރީ ނަގައިދިން ކޯނަރަކުން ޑަމިއާން ބޮލުން ޖަހައިދިން ލަނޑެކެވެ.

އޭގެފަހުން، މެޗުގެ 40 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑަރު، ޖޯޖީނިއޯ އަށް ޕެނަލްޓީއެއް ލިބި، ބޭކާރުވެފައިވާއިރު، އޭގެ މިނެޓެއްފަހުން ކިއޭސާ ވަނީ ނިކޮލޯ ބަރެއްލާ ދިން ބޯޅައަކުން އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑޮމެނިކޯ ބެރާޑީ ތަނަވަސްކުރި ފުރުޞަތަކުން ކިއޭސާ ވަނީ އިޓަލީ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ޖަނީ އަޓަނަސޯވް ކާމިޔާބުކުރި ގޯލުން އުތުރު މެސެޑޯނިއާ އިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ޖަނީ އަޓަނަސޯވް އެވެ.

ރޭގެ މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދެނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އުތުރު މެސެޑޯނިއާ އިން ފަހު ހާފުގެ ކުރީކޮޅު މި ޖެހި ދެ ގޯލާއެކު ނަތީޖާ 2-3 އަށް ބަދަލުކޮށްލާފައިވަނިކޮށް، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ރަސްޕަޑޯރީ ވަނީ އިޓަލީގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ބަރެއްލާ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އިޓަލީގެ ފަހު ލަނޑުޖަހައިދިނީ ސްޓެފަން އެލް ޝާރަވީ އެވެ.

ރޭގެ މެޗުން މޮޅުވެ، އިޓަލީ އަށް މިހާރު ވެސް ކޮލިފައިވެފައިވާ އިންގްލެންޑާ އެކު ގްރޫޕްގެ ދެވަނަ ކަށަވަރުކޮށް އަންނަ އަހަރު ޖަރުމަނުގައި ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދުމަށްޓަކައި ބޭނުންވަނީ ފަހު މެޗުން ޔޫކްރޭން އަތުން އެންމެ ޕޮއިންޓެކެވެ.

އިންގްލެންޑުން ރޭ ކުޅުނު މެޗުގެ 8 ވަނަ މިނެޓުގައި ލީޑްނެގީ މޯލްޓާގެ އެންރީކޯ ޕެޕޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް އިންގްލެންޑްގެ ދެވަނަ ލަނޑު، ހެރީ ކޭން ކާމިޔާބުކުރިއިރު، އޭގެ މިނެޓެއްފަހުން ޑެކްލަން ރައިސް އެ ޓީމަށް ލަނޑެއްޖަހައިދިން ނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައި، އެ ލަނޑު ގަބޫލުނުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ބުނީ، އޭނާގެ ޓީމު އޮތީ ހިތްހަމަ ޖެހޭ ހިސާބުގައި ނޫން ކަމަށެވެ. އެކަމަކު، މެޗުތަކުގެ އުނދަގޫ ޝެޑިއުލްގެ ސަބަބުން އޭނާ ވަނީ ވަކިވަކި ކުޅުންތެރިންނަށް ފާޑުކިޔަން ދެކޮޅު ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ......