ޔޫރޯ ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ޖިބްރާލްޓާ އަތުން 0-14 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފްރާންސް މޮޅުވިއިރު، ރިޕަބްލިކް އޮފް އަޔާލެންޑް 0-1 އިން ބަލިކޮށް، ނެދަލެންޑްސް އިން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެއެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި އުޅޭ ފްރާންސަށް ހަތް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ގްރީސް ތިންވަނައިގައި އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ހަތަރެއްގައި އޮތް އަޔާލެންޑަށް އަށް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ޖިބްރާލްޓާ ފުލުގައި އޮތީ ހަތް މެޗުން ޕޮއިންޓެއް ނުލިބިއެވެ.

އެލިއާންޒް ރިވިއޭރާގައި ރޭ ކުޅުނު މެޗުގައި ފްރާންސުން ޖެހި 14 ލަނޑުގެ ތެރެއިން ކޮންމެ ހާފެއްގައި އެ ޓީމުން ވަނީ ހަތް ލަނޑުޖަހައިފައެވެ. މިއީ ޔޫރޯ އަދި ވޯލްޑް ކަޕް ކޮލިފައިންގެ ރެކޯޑެކެވެ. މީގެކުރީން، ޔޫރޯ ކޮލިފައިންގައި އެންމެ ގިނަ ލަނޑުޖަހައިފައިވަނީ ޖަރުމަނުންނެވެ. 2006 ވަނަ އަހަރު އެ ޓީމުން ވަނީ ސެން މަރީނޯ އަތުން 0-13 އިން މޮޅުވެފައެވެ. ރޭގެ މެޗަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައ ފްރާންސްގެ އެންމެ ތަފާތު ބޮޑު މޮޅެވެ.

ރޭގެ މެޗުގައި ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ހެޓްރިކް ހެދިއިރު، އެ ޓީމުގެ ފޯވާޑް، އޮލިވިއޭ ޖިރޫ އާއި ކިންގްސްލީ ކޯމަން ކުރެން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑުޖަހައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މާކަސް ތުރާމް، ވަރެން ޒަޔަރް-އެމެރީ، ޖޮނަތަން ކްލައުސް، އެޑްރިއެން ރަބިއޯ، އޮސްމާނޭ ޑެމްބެލޭ އާއި ޔޫސުފް ފޮފާނާ އެވެ. ފްރާންސްގެ އަނެއް ގޯލަކީ ޖިބްރާލްޓާގެ އީތަން ސަންޓޯސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ނެދަލެންޑްސްގެ ފޯވާޑް، ވައުޓް ވެގްހޯސްޓް (ވ) އަތުން ބޯޅަ ހޯދަން އަޔާލެންޑްގެ ދެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

މި މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޖިބްރާލްޓާގެ އީތަން ސަންޓޯސް އަށް ވަނީ ވީއޭއާރް އިން ބެލުމަށްފަހު ސީދާ ރަތެއް ދައްކައިފައެވެ. އެއީ ފްރާންސްގެ ޒުވާން މިޑްފީލްޑަރު، ޒަޔަރް-އެމެރީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މިއާއެކު، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

މި މެޗުގައި ޖެހި ގޯލާއެކު ޒަޔަރް-އެމެރީ ވަނީ ހަނގުރާމައިގެ ފަހުން ފްރާންސަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު ޒަޔަރް-އެމެރީގެ އުމުރަކީ 17 އަހަރާއި 255 ދުވަހެވެ.

މީގެއިތުރުން، ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަށް ޖެހިލާފައެވެ. އެމްބާޕޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 46 ލަނޑުޖަހައިދީފައެވެ. އޭނާ އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އުޅެނީ ތިއެރީ އޮންރީ (51) އާއި ޖިރޫ (56) އެވެ.

މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް އިން އަމިއްލަ ދަނޑުގައި އަޔާލެންޑް 1-0 އިން ބަލިކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ވައުޓް ވެގްހޯސްޓް އެވެ. މި މޮޅާއެކު ނެދަލެންޑްސް އިން އަންނަ އަހަރުގެ ޔޫރޯ އިން ޖާގަ ހޯދިއިރު، މިއީ އެ ޓީމުން ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވި 11 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު