ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު މިރޭ ތައާރަފްކޮށްފިއެވެ.

އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކް އައު ކްރެޑިޓް ކާޑު މިރޭ ތައާރަފްކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ކްރެޑިޓް ކާޑު ތައާރަފް ކޮށްފައި ވަނީ ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭގޮތަށް ފަރުމާކޮށްގެންނެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެއެވެ.

​މިއީ ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކުރި ކާޑެއް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވައެވެ.

ބީއެމްއެލް އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެއެވެ.

ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ހަސަން ކަލާމް ވިދާޅުވީ ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.

އަދި ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އެ ބޭންކް ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފްކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޑިވްޔާ ޖައިން، ވީޕީ/ޖީއެމް، ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާރކެޓްސް، އެމެރިކަން އެކްސްޕްރެސް ވިދާޅުވީ " ރާއްޖޭގެ މާރކެޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ކާޑަކީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެންބަރުންނަށް އަގުހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް."

އަލަށް ބޭންކުން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެފަހުގެ ސެކިއުރިޓީ ފީޗަރސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ.

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލާން މިބުނި

    ނަމުން އެކަނި އިސްލާމިކް. އެންމެތަންޑެއްވެސް ތަފާތެއްނެތް. މިހާރުވެސް އެހުރީފެންނަން މިސާލަކަށް ހައުސިންލޯނާ. އިސްލާމިކު ހައުސިންލޯނު އިންޓްރެސްޓް އެއްވަރަކަށް ދައްކަންޖެހެނީ ނަމުން އިސްލާމިކް ކަމުން ދިވެހިން ވާވެއްދުން.

  2. Anonymous

    ތިޔަ އިސްލާމިކް އުސޫލުން ނެގި ލޯނައްވެސް ލޯމަރާލާފަ ހުޅުވާލާއިރު އޮންނަނީ އިތުރުވެފަ ، ހީލާ މަކަރުހެދުން ހުރިހާ ކަމެއްގަ.

  3. ރާއްޖެތެރެމީހާ

    އިސްލާމީ ގައުމު ތަކުގަ ބޭންކިން ނިޒާމު ހުންނަގޮތަށް ބަލާ ބޭންކް އޮފް މޯލްޑިވްސް ބަދަލުކުރަން ޖެހޭ.

  4. މަރިޔަމް

    ތީ ހުސް މަކަރު

  5. Anonymous

    ނޮޓް ހެޕީ