ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމަށާއި ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއާތުގެ އެއް ވަނައިގައިވާ މާކެޓް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ 2024 ގެ ހަވާސާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅިގެން ޗައިނާގެ މީޑިއާއަށް މައުުލޫމާތު ދިނުމަށް ބޭއްވި 'މޯލްޑިވްސް މީޑިއާ މީޓް'ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ރާއްޖޭގެ އެއް ވަނަ ފަތުރުވެރިކަމުގެ މާކެޓް ކަމަށާއި، ޗައިނާގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް އިތުރުކޮށް، ގުޅުން އިތުރަށް ބަދަހި ކުރުން މުހިންމު ކަމަށެެވެ.

"ދާދި ފަހުން ފުޖިއަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެޅުނު ބޮޑު ފިޔަވަޅެއް. ޗައިނާގެ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިނުމަށް މިފަދަ އިތުރު ގުޅުންތައް ގާއިމް ކުރުމަށް އަޅުގަނޑު ވައުދުވަން،" ވަޒީރު ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަކީ ޒަމާނުއްސުރެ ލަގްޒަރީ ރިސޯޓުތަކަށް މަޝްހޫރު ޑެސްޓިނޭޝަނަކަށް ވިޔަސް، ލަގްޒަރީ ޓޫރިޒަމާއެކު، ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވ ާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ ތެރޭގައި ބޮޑެތި ބައިނަލްއަޤްވާމީ އިވެންޓްތައް ބޭއްވުމަށް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ިރާއްޖެ ޕޮޒިޝަންކޮށް، މިހާރު ހުރި ފެސިލިޓީތަކާއި ވެނިއުތައް އަޕްގްރޭޑްކޮށް، އެމްއައިސީއީ (މީޓިންގސް، އިންސެންޓިވްސް، ކޮންފަރެންސް، އެންޑް އެގްޒިބިޝަންސް) ފަތުރުވެރިކަން ތަރައްޤީކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން ކޮންމެ ފަތުރުވެރިއެއްވެސް ބޭނުންވާ ކޮންމެވެސް އެއްޗެއް ލިބެން ހުންނާނެ،" ވަޒީރު ފައިސަލް ވިދާޅުވިއެވެ.

"ލަގްޒަރީ ޗުއްޓީއެއް ބޭނުންވިޔަސް، ކޮންފަރެންސެށް ބާއްވާނެ ހާއްސަ ތަނެއް ހޯދިޔަސް، ނުވަތަ ސަގާފީ ތަޖްރިބާ އެއް ބޭނުންވިޔަސް، އަޅުގަނޑުމެންގެ ޖަޒީރާ ރަށްތައް ތިޔަބޭފުޅުންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮންނާނެ."، ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފައިސަލް އިތުރަށް ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ކަލްޗަރަލް އެކްސްޗޭންޖް އަދި ސަރަހައްދީ ހަމަޖެހުމަށް ދިވެހިރާއްޖެ-ޗައިނާ ޕާޓްނަރޝިޕްގެ މުހިންމުކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު