ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާމިޔާބީގެ ފަހަތުގައި ވަނީ ވަފާތެރި ކަސްޓަމަރުން ކަމަށް އެ ބޭންކް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކާރލް ވިދާޅުވީ، މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ވަނީ 2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު ކަަމަށްވެސް ވިދާޅުވިއެވެ.

"މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ %55 އިންސައްތައާއެކު އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެފައި،". އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ކާރލް އިތުރަށް ވިދާޅުވީ، ކަސްޓަމަރުން ފަސްނުޖެހި އެ ބޭންކަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން."، އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިދުރިސް

    ރައްޔިތު މީހާ ނޮޅާލައިގެން ތިގޮތަށް ފައިދާ ނެރެވިދާނެ

  2. މޫސަ

    ބީ އެމް އެލްގެ ކާމިޔާބީގެ ފަހަތުގައިވަނީ ވަފާތެރި ކަސްޓަމަރުންގެ އަތުން ނަގާ ޙަރާމް ރިބާ.