ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބެހުމަށް މިރޭ ފާސްކޮށްފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކްގެ އަހަރީ އާއްމު ޖަލްސާ(އޭޖީއެމް)ގައި ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިވޭތުވެދިޔަ 2023 ވަނަ ހޯދުމުގެ ސަބަބުން ކަމަށެވެ.

"މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން."، އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އޭނާ ވިދާޅުވީ، އެ ބޭންކުން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށެވެ. އަދި ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދާއި ހިއްސާދާރުން ބީއެމްއެލްއަށް ކުރައްވާ އިތުބާރަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް. މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ދާނަން.". އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި ނަތީޖާއާއެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްރަާހު

    ހަރާން ފައިސާ

    6
    4
  2. ވެރިން

    ރައްޔިތުމީހާ ބުރަމަސައްކަތް ކޮއްގެން ހޯދާ ލާރިކޮޅު ފެލާލައިގެން ހޯދާ ފައިދާ ތީ، ތީހަމަ އަލިފާން