ކަސްމަރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަންނަން ލިބުނު ފައިސާގެ އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ބޭންކުން ޝާއިއުކޮށްފައިވާ ބޭންކުގެ އަހަރީ ރިޕޯޓް 2023 ގައެވެ.

"އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުދާ އެތެރެކުރުމަށާއި ތަޢުލީމާއި ބޭސްފަރުވާގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ދިނުން. 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގުތިސާދަށް އެހީތެރިވުމުގެ ގޮތުން ކަސްމަރުންނާއި އެމްއެމްއޭ އިން ގަންނަން ލިބުނު ފައިސާގެ އަދަދަށްވުރެ 333 މިލިއަން ޑޮލަރުގެ ބޭރު ފައިސާ އިތުރަށް ވާނީ ވިއްކާފައި."، އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި ބުނެފައިވާގޮތުން ބޭންކަށް ގަންނަން ލިބެން ނެތް އެއްޗެއް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާއިރު، އެ މަގު ފަހިވަންދެން ބޭންކުގެ މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ނިންމަން ބޭންކަށް މަޖުބޫރުވެއެވެ.

ބޭންކުން އަންނަނީ ކަސްޓަމަރުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިދުމަތްދޭ ވިޔަފާރިވެރިންނަށް ފައިސާ ދެއްކުމުގެ ތަފާތު ހައްލުތައް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ގޫގުލް ޕޭ، އެޕަލް ޕޭގެ އިތުރުން ޗައިނާގެ ފަތުރުވެރިން އާރުއެމްބީން ފައިސާ ދެއްކުމަށް ގިނައިން ބޭނުންކުރާ އަލިޕޭ އަދި ވީޗެޓް ޕޭ ހިމެނެއެވެ.

ކުރިއަރަމުން އަންނަ ޗައިނާއާއި އަރަބި މާކެޓަށް ބަލައި ކަސްޓަމަރުންގެ މުސްތަގުބަލުގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ޗައިނީސް ޔުއާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ދިރުހަމް (އޭއީޑީ) އިން މުއާމަލާތް ކުރެވޭ ގޮތަށް މިއަހަރުގެ ޖެނުއަރީ މަހު ބޭންކުގެ ސިސްޓަމްތައް ކޮންފިގްރޭޓްކޮށްފައިވާނެ ކަމަށް ރޭގެ ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ ވިދާޅުވެފައެވެ.