ޗައިނާގެ އީސްޓަން އެއާލައިންސް އިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ސީދާ ދަތުރު ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ 2024ގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ ޗައިނާގެ އީސްޓަން އެއާލައިންސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަން ކިންގޗާއޯއާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމަށްފަހު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގެ ތެރެއިން ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށެެވެ.

"އޭގެ ތެރޭގައި ޖޮއިންޓް ޕްރޮމޯޝަންތަކާއި، ދެކުނުގެ އަތޮޅުތަކަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނޭ،"، ވަޒީރު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެ ގައުމުން ރާއްޖެއަށް މިހާތަނަށް ލައްކައަކާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަން ފާހަގަަކޮށްލެވެއެވެ.