ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޗައިނާގެ އަލީބާބާ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަލީބާބާއަކީ ޗައިނާގެ އީ-ކޮމާސް ކުންފުންޏެކެވެ.

އޮންލައިން ވިޔަފާރީގެ ދާއިރާގައި ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހަންގޒޫގައި ހުންނަ އަލީބާބާގެ ހެޑްކުއާޓާއަށް ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

އެތަނުގެ އިސް ބޭފުޅުންނާއެކު ވަޒީރު މަޝްވަރާތަކެއް ކުރެއްވިއިރު، ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އަލީބާބާގެ ޓްރެވެލް ޕްލެޓްފޯމް ފްލިގީއާ ގުޅިގެން މަސައްކަތް ކުރެވިދާނެތީ އުފާ ކުރާ ކަަމަށެވެ.

ރާއްޖެ ދުނިޔެއަށް ދެއްކުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އީޖާދީ ގޮތްތައް ބޭނުންކޮށްގެން އިޝްތިހާރު ކުރާނަން،". ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ ޕްރޮމޯޓް ކުރަން އަލީބާބާއާއެކު ބޭއްވި ބައްދަލުވުން - ފޮޓޯ: ވަޒީރު ފައިސަލް

ޗައިނާގައި ރާައްޖެ އިޝްތިހާރު ކުރުން ކުރިއަށްދާއިރު، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ދަނީ މަތިވަމުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަަދަދުތައް ލައްްކައަކާއި ގާތް ކުރެއެވެ.