ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)ގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ފުރުސަތު ލިބުނު ނަސީބުވެރިޔާ ފުރައިފިއެވެ.

އެ ނަސީބުވެރި ފަރާތަކީ މުޙައްމަދު މުހުދިން (ހުސްނޫވިލާ، މަރަދޫ އައްޑޫ ސިޓީ) އެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމަށްވާ ފައިނަލް މެޗުގެ ޕްލޭޔަރ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބިގެން ދަނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދަށެވެ.

މި ދެބެއިން މިހާރު ވަނީ ފައިނަލް ބަލައިލަން ލަންޑަނަށް ފުރާފައެވެ،

މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ދީފައި ވެއެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށް ބީއެމްއެލް އިން ދީފައި ވެއެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ.

ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.