ހިޔަލަ މާކެޓްގައި ކޮންމެ ދުވަހަކުވެސް ވިޔަފާރި ކުރެވޭ ގޮތަށް، ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓް (ބީސީސީ)ން ހުޅުވާލައިފިއެވެ.

ބީސީސީން ކުރި އިއުލާނެއްގައި ބުނީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ގާއިމުކޮށްފައިވާ ސަރަހައްދަށް ލިބެމުންދާ ތަރުޙީބަށް ބަލައި، މި ސަރަހައްދުގެ ނަން "ހިޔަލަ މާކެޓް"އަށް ބަދަލުކޮށް، އެ ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތުން މި ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ގެނެވުނު ބަދަލާއެކު، "ހިޔަލަ މާކެޓު"ގެ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު 9 ޖޫންގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ބީސީސީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެތަނުގައި 10 ކިއޮސްކް ގާއިމްކޮށްފައިވާއިރު، އީދަށް ފަހު އެތަނުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަަށެވެ. އަދި ދިވެހި އުފެއްދުންތައް ތައްޔާރު ކުރާ އަންހެން ވިޔަފާރިވެރިންނަށް މި ފުރުސަތު ބޮޑަށް ފަހިވެގެންދާއިރު، މި ކިއޮސްކްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 10 އަށް ވުރެ އިތުރުވާނަމަ، އެތަނުގައި ވިޔަފާރި ކުރެވޭނެ ފަރާތްތައް ކަނޑަައަޅާނީ ގުރުއަތަކުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.