ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާނެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްއާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓަރންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަން ފާހަގަކުރެއްވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމަޢުގައި ހަމަހަމަ ކަމުގެ ސަގާފަތެއް އާލާކުރުމުގެ މަގްސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވި މި އެއްބަސްވުމުގެ ދަށުން މިފަދަ ފަސް މީހުންނަށް އެމް.އޭ.ސީ.އެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ހުންނަ މީހުން މުޖުތަމައުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަކީ ވެސް މީގެ މަގްސަދު ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މީގެކުރިންވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.