މި އަހަރުގއ މެއި މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.66 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ %4.8 ދަށް އަދަދެކެވެ. އަދި މިއަހަރުގެ މެއި ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %0.8 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރު މެއިގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރު މެއިގައި ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީޖީއެސްޓީ، އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މޭ މަހު ގިނަ ފަރާތްތަކުން ދައްކައިފައިވުމުންނެވެ. މިގޮތުން، މި އަހަރު މެއިގައި ލިބިފައިވަނީ، އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކައިފައިނުވާ ފައިސާއެވެ. މެއި މަހުގެ އާމްދަނީ ދަށް ވުމުގެ އިތުރު ސަބަބަކީ، ޖީއެސްޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކައިފައި ނުވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9%ދަށްވެފައިވާތީ، އެއަރޕޯޓް ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވެފައިވާކަމަށް މީރާ އިން މައުލޫމާތު ދެއެވެ.

މީރާއިން ވިދާޅުވީ މި އަހަރުގެ މެއި ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ، މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކައިފައިވާ އަދަދު އިތުރުވެފައިވާތީ، އަދި، ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކައިފައިވާތީ ކަމަށެވެ.

މި އަހަރުގެ މެއިގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީއެވެ. އެއީ 66.19% ނުވަތަ 1.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.0% ނުވަތަ 149.35މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 96.55 މިލިއަން ރުފިޔާ (5.83%)،ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ (5.66%)، ގްރީން ޓެކުހުގެ ގޮތުގައި 25.85 މިލިއަން ރުފިޔާ (5.15%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30މިލިއަން ރުފިޔާ (%8.17) ލިބިފައިވެއެވެ.

މި އަހަރުގެ މެއިގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.