މި މަހުގެ މެދުތެރެއިން ބޮޑު އީދު ޗުއްޓީއާ ދިމާވި ނަމަވެސް މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމުގައިވާ ޖޫން 30 އަށް ބަދަލެއް ނާންނަ ކަމަށް މީރާ އިން މިއަދު ހާމަކޮށްފިއެވެ.

މީރާ އިން ވަނީ އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭތޯ ބެލުމަށް ފަހު ސުންގަޑިއަށް ބަޔާން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަދި، ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރޭގައި މާލީ ހިސާބުތައް އޮޑިޓްކޮށް، އިންކަމް ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން ލިޔެކިއުންތައް ދުރާލާ ތައްޔާރުކޮށް، ސުންގަޑިއައް ބަޔާން ހުށަހެޅޭނެ ގޮތަށް މަސައްކަތްތައް ރާވާ ތަރުތީބުކުރުމުގެ މުހިންމުކަން މީރާ އިން ފާހަގަކޮށްފައިވެއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭތޯ ބަލަން ބޭނުންވާ ފަރާތްތަކުން މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑް މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. އަދި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން ނުވަތަ މީރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލްކޮށްގެން ބަޔާން ތައްޔާރުކުރުމަށް އެހީ ހޯދުމަކީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން މީރާއިން ދަނީ މިވަގުތު ވެސް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށް މީރާއިން ފާހަގަ ކުރެއެވެ.