‘ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަޟްހާ އީދުގައިވެސް ކުރިއަށްދާނެ ކަމަށް ދިރާގުން އިއުލާންކޮށްފިއެވެ.

މުޖުތަމައުގެ ތެރޭގައި އީދުގެ އުފާވެރި ރޫހު އާލާކުރުމުގެ ގޮތުން މިދިޔަ އަހަރު ދިރާގުން ފެށި މި ހަރަކާތް މި އަހަރު ކުރިއަށް ދާނީ ހުޅުމާލެ، މާލެ އަދި ވިލިމާލެގައެވެ.

ދިރާގުން ބުނީ ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ބާއްވުމަށް ހަމަޖެހިފައިވަނީ ހޮސްޓިންގ ޕަރޓްނަރުގެ ގޮތުގައި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކަމަށެވެ. އަދި މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން ކަމަށްވެސް ބުންޏެވެ.

މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

"ދިރާގު އީދު ބޮނޑިބަތާ އެކު މާލެ ސަރަހައްދުގައި އަޟްހާ އީދުގެ ހަރަކާތްތައް ފަށާ، މި އުފާވެރި ދުވަހުގައި ތިޔަ ހުރިހާ ބޭފުޅުންނާ ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސަގާފީ އާދަކާދަތަކާއި މުޖުތަމައުގެ އެންމެން ޝާމިލްވާ ގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެގޮތުން ޚާއްސަ މުނާސަބަތެއްގައި މުޖުތަމަޢުއަށް އަނބުރާ ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދު ވިދާޅުވިއެވެ.

'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި:

މާފަންނު ސްޓޭޑިއަމް، މާލެ
ފުޓުބޯޅަ ދަނޑު، މާލެ
ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 1

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގަ ރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާގޮތް

    ތި ބޮޑިބަތް ކޮންމެ ފަހަރަކުވެސް ބިދޭސީިން ހުތުބާ އަޑުނާހާ ނިކުމެ ހުސްކުރޭ، އުއްމީދަކީި މިފަހަރު އެހެން ނުވުން.

  2. މަނާހު

    އަހަރުމެންވެސް ބޮޑިބަތުގެ އިންތިޒާރުގަ އެ ތާ މަޑުކޮއްލިން އެކަމަކު އެޔެއް އަހަރުމެންނަކައްވެސް ނުލިބުނު