މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސް ކުންފުނިތަކުން މަސް ގަނެފައިވާ އަދަދު 34 އިންސައްތަ ދަށްވެފައިވާކަމަށް އެމްއެމްއޭއިން ހަމާކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން މަސްވެރިކަމުގެ ސިނާއަތް މިއަހަރު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައިވަނީ 21،941 ޓަނުގެ މަސް މަސް ކުންފުނިތަކުން ގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 34 އިންސައްތަ ދަށް އަދަދެކެވެ.

މަސް ގަނެފައިވާ މިންވަރުވެސް ފުރަތަމަ ކުއާޓާގައި ދަށްވެފައިވާއިރު، މީގެ ތެރެއިން މިއަހަރު މިހާތަނަށް ކަޅުބިލަމަސް ގަނެފައިވާ މިންވަރު 33 އިންސައްތަ އަދި ކަންނެލި ގަނެފައިވާ މިންވަރު 36 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ތާޒާ ކަޅުބިލަމަހުގެ އަގުތައް ހުރީ ކިލޯއެއް 19.7 ރުފިޔާއަަށެވެ. އައިސް އެޅި ކަޅުބިލަމަހުގެ އަގު ހުރީ ކިލޯއެއް 21.7 ރުފިޔާއަށެވެ. ކަންނެލީގެ އަގުތައް މ ފުރަތަމަ ކުއާޓަރުގައި ކިލޯއެއް 63.4 ރުފިޔާއަށް ހުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އަގުހުރީ ކިލޯއެއް 58.7 ރުފިޔާއަށެވެ. މަހުގެ އަގުތައް ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި އަގުތަކަށް ބަދަލު އައީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމާއި ގުޅިގެންނެވެ.

މިއަހަރު މަސްވެރިކަން ދަށަށް ގޮސްފައިވާއިރު މަސްވެރިން ބާނާ މަސް ގަތުމަށްފަހު ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމާއި ގުޅިގެން ދާދި ފަހުން މަސްވެރިން ވަނީ މުޒާހަރާއެއްވެސް ކޮށްފައެވެ. އެހެންނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި މި ސަރުކާރުން މިހާރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން އިތުރު އައިސް ޕްލާންޓައް ތަރައްގީކުރުމާއި އިތުރު ފެކްޓްރީތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށްގެން ބޭރަށް އެކްސްޕޯޓްކުރުމުން އަގު އުފުލިގެން ދާނެއެވެ. އަދި ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެެވެ.