މިދިޔަ އަހަރު ނިމުނުއިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި 8،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކުރެވުނު ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މީރާއިން އާންމުކުރި އަހަރީ ރިޕޯޓުގައި ވާ ގޮތުން މިދިޔަ އަހަރު 66،753 ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާއިރު، އޭގެތެރޭގައި 8،527 ވިޔަފާރިއަކީ މުޅިން އަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކެވެ. އަދި މީގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން 1،198 ވިޔަފާރި ވަނީ މިދިޔަ އަހަރު ރަޖިސްޓްރީން އުނިކޮށްފައެވެ.

ރަޖިސްޓްރީން އުނިކުރި ވިޔަފާރިތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ 138 ވިޔަފާރި ހިމެނޭއިރު މިދާއިރާގެ 77 ވިޔަފާރި ވަނީ މުޅިން އަލަށް ރަޖިސްޓްރީކޮށްފައެވެ. އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ޖުމްލަ 4،025 ފަރާތަކުން ރަޖިސްޓްރީ ކުރި ކަމަށް މީރާގެ ރިޕޯޓުގައިވެއެވެ.

މިދިޔަ އަހަރު މީރާއަށް 24.69 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެގޮތުން ބަލާއިރު:

  • ފާސްކުރެވުނު ބަޖެޓުން ނެގި ފައިސާގެ ގޮތުގައި 105.54 މިލިޔަން ރުފިޔާ
  • ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާ 24.57 ބިލިޔަން ރުފިޔާ
  • ދައުލަތުގެ އާމްދަނީ ނޫން ގޮތްގޮތަށް ބަލައިގަތް ފައިސާ ( ރިފަންޑު އުނިކުރުމަށްފަހު) 15.098 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ މީރާއަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާއެވެ.

ރިޕޯޓުގައިވާ ގޮތުން މިއަހަރު 25.43 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކްސް ނުދައްކާ ފަރާތްތަކަށް ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތުވެސް މިދިޔަ އަހަރު ވަނީ ދީފައެވެ. އެގޮތުން 795 ފަރާތަކަށް މިފުރުސަތު ދީފައިވެއެވެ. އެ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރާއިރު، އެ ފައިސާގެ ތެރެއިން ލިބިފައި ވަނީ 3.92 މިލިއަން ރުފިޔާއެވެ.

ޓެކްސް ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިން ފަރާތްތަކުން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބުނު އިރު، އެއީ 3،123 ފަރާތަކުން ދެއްކި ފައިސާ ކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.