ޗައިނާގެ އެކި ޕްރޮވިންސްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އީސްޓަން އެއާލައިނާއެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ކޮމާކޯޅި" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ޗައިނާގެ އެކި ޕްރޮވިންސްތަކުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް އެޅުމަށް މަޝްވަރާ ކުރިއިރު އައްޑޫއަށް ފަތުރުވެރިން ގެނައުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ޗައިނާގެ އެކި ޕްރޮވިންސުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އީސްޓަން އެއާލައިންގެ ވައިސް ޕްރެސިޑެންޓާއި ބައްދަލުކުރެއްވި ކަމަށާއި އެބޭފުޅުންގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެ އެއާލައިނާއެކު އެއްބަސްވުމަކަށް އާދެވުމުން ރާއްޖެ އިޝްތިހާރުކޮށް އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށް މަގުފަހިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އައިޓީބީ ޗައިނާގައި އަޅުގަނޑުމެން އެކި އެކި މަޝްވަރާތައް ކުރިން. ޗައިނާ ޓޫރިސްޓުންގެ ޝައުގު ރާއްޖެއަށް އައުމަށް އިންތިހާ އަށް އެބައޮތް. ޗައިނާ އީސްޓަން އެއާލައިންގެ ވައިސް ޕްރެސިޑެންޓާއި އަޅުގަނޑުމެން ބައްދަލުކުރިން. ޗައިނާގެ އެކި ޕްރޮވިންސްތަކުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް އެޅުމަށް މަޝްވަރާ ކުރެވުނު. އައްޑޫއަށް ފަތުރުވެރިން ގެނައުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރިން. އެބޭފުޅުންގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ފޮނުއްވައިދެއްވާނެ ކަމަށް ވިދާޅުވި. އޭރުން ޗައިނާގެ އީސްޓަން އެއާލައިނާއެކު މިކަމުގެ ރަސްމީ މަޝްވަރާތައް ރާއްޖޭގައި ކުރެވި، ހުށަހެޅުންތައް ހުށަހަޅާނަން. އީސްޓަން އެއާލައިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކޮށް އިތުރު ފަތުރުވެރިން ގެނެވިގެންދާނެ ކަމަށް ގަބޫލުކުރަން" ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވަނީ ދެ ސަރުކާރުގެ ގުޅުމަށް ބަލާއިރު ވެސް ޗައިނާ ސަރުކާރާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮންމެ އަތޮޅެއް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެ އަށް ދަތުރުތައް ހުއްޓާލުމަށްފަހު ޗައިނާގެ އީސްޓަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށީ މީގެ 4 މަސް ކުރިންނެވެ.

މިއަހަރު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.