މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެއެވެ.

މާދަމާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. މި އިވެންޓް ބާއްވަނީ އެމްއެމްޕީއާރްސީ އާއި، ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ވީއައިއޭ ހިންގާ އެމްއޭސީއެލް ގުޅިގެންނެވެ.

ކޮންމެ އަހަރަކުވެސް އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔުމަށް ހާއްސަ އިވެންޓެއް ބާއްވާކަން ފާހަގަކޮށްލެވެއެވެ.

މާދަމާ ހެނދުނު 11:55 ހާއިރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަންނާނެއެވެ.

މިދިޔަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހެވެ.

މިދިޔަ އަހަރަށްވުރެ އަވަހަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު މިލިއަނަކަށް އަރާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުކަން ފަހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމު ކުރި ޖޫން މަހުގެ 22 ވަނަ ދުވަހާ ހަމައަށް ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފަައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 113،702 ފަތުރުވެރިން އައިސްފައިވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން މިހާތަނަށް 100،677 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ތިން ވަނައިގައި އޮތް އިނގިރޭސިިވިލާތުން 91،032 ފަތުރުވެރިންވެސް އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.

އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު