ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައިވާ ކުރެޑިޓް ރޭޓިން ދަށްކޮށްފިއެވެ.

ފިޗް އިން ރާއްޖެ އަށް ފުރަތަމަ ކުރެޑިޓް ރޭޓިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ފިޗުން ރާއްޖެ އަށް ފުރަތަމަ ދިނީ "ބީ ޕްލަސް" ރޭޓިން އެވެ. އެއީ އިގްތިސާދީ ދުވެލީގެ ތަސައްވުރު ރަނގަޅު ވުމާއި ބާރު ދުވެލީގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދިއުން އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގާބިލްކަން ލިބިފައި ވާތީއެވެ.

އޭގެ ފަހުން 2020 ފިޗް އިން ރާއްޖެއަށް ދިން ރޭޓީން ސީސީސީ އަށް ވަނީ ދަށްކޮށްފައެެވެ. ނަމަވެސް 2021 ވަނަ އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ބީ މައިނަސްއަށް ވަނީ އަޕްގްރޭޑް ކޮށްފައެވެ. އަދި ފަހުން ވެސް ވަނީ ރާއްޖެ އަށް ދީފައިވާ ކުރެޑިޓް ރޭޓިންގ ބީ މައިނަސްގައި ދަމަހައްޓައިފައެވެ.

ފިޗް އިން މިފަހަރު ރާއްޖެއަށް ދިން ރޭޓީންއާ ގުޅޭގޮތުން ބުނެފައި ވަނީ ފިޗްގެ ރޭޓިންގ މެޓްރިކްސްގައި ބީ މައިނަސް އިން އިން ސީސީސީ ޕްލަސް އަށް ދަށް ކޮށްފައިވާއިރު، މިއީ މިދިޔަ މެއި މަހު ބޭރުގެ ފައިސާގެ ރިޒާވް 492 މިލިއަން ޑޮލަރަށް ދަށަށް ދިއުމުގެ ނުރައްކާ ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަދި މި އަހަަރު ތެރޭގައި 409 މިލިއަން ޑޮލަރުގެ ދަރަނި އަދާ ކުރުމުގެ ޒިންމާގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑުށް ގޮންޖެހުމަކަށް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ފިޗްގެ ރޭޓިން ރަނގަޅު ނަމަ ދުނިޔޭގެ ބޮޑެތި ބޭންކްތަކުންނާއި ގައުމުތަކުން ލޯނު ނެގުމަށް ރާއްޖެ އަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެއެވެ. އެކަމަކު، އެ ރޭޓިން ދަށް ކުރަނީ ރާއްޖެ އިން ނަގާފައިވާ ލޯންތައް ނުދެއްކޭނެ ކަމަށް ބަލައިގެންނެވެ.

ނަމަވެސް ސަރުކާރުން އަންނަނީ ލޯންތައް ދައްކައި، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފައެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން މަދު ކުރުން ފަދަ ބޮޑެތި ނިންމުންތައް ދަނީ ނިންމަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ރަންނަމާރިން އަރާ ، ނޮޅައި ސުންނާފަތިކޮށްފައިވާ ޤަވްމަކަށް ސީސީސީ + ވެސް މައްޗެވެ. މިވަރުގައިވެސް މި ހިފެހެއްޓުނީ މިހާރުގެ ސަރުކާރުން ކުރާ ރަގަޅުކަންކަމުގެ ސަބަބުންނެވެ. އިންޝާއަﷲ ދެން ނެރޭ ރިޕޯޓެއްގައި ރޭޓް މަތިވާނެއެވެ.

    2
    1