ބ. އޭދަފުށީގައި ގެސްޓް ހައުސް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އޭދަފުށީ ކައުންސިލްގެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ ގެސްޓްހައުސް ހަދައި ހިންގުމަށް ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ 10،000 އަކަފޫޓުގެ ދެ ބިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ހުޅުވާލާ ކަމަށެވެ.

ބިންތަކުގައި އަމިއްލަ ހަރަދުގައި ގެސްޓްހައުސްއެއް އިމާރާތްކޮށް، އަދި ގެސްޓްހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ މީހުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބީލަމާ ގުޅޭ ބީލަން ފޮތް ބަލައިގަތުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ބަލައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އޭދަފުށީ ކައުންސިލްގެ އިދާރާއަށް ކަމަށް އޭގައިވެއެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ބ. އޭދަފުށީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/15000ރ (ފަނަރަހާސް ރުފިޔާ) އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

ކައުންސިލުން ވިދާޅުވީ ބިމުގައި އަމިއްލަ ހަރަދުގައި ގެސްޓްހައުސް އިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަޝިޕަކަށް ނުވަތަ ކުންފުންޏަކަށް ކަމަށެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެ ކަމަށް އިއުލާނުގައިވެއެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާޓްނަޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށް އޭގައިވެއެވެ.

ބިޑް ހުށަހަޅަންޖެހޭނީ، ބިޑު ޑޮކިއުމެންޓްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 29 އޮގަސްޓް 2024 ދުވަހުގެ މެންދުރުފަހު 13:00 އަށް ބ. އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު