މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިއަން ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހޫނު މަރުހަބާއެއް މިއަދު ކިޔައިފިއެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށްވީ ތައިލޭންޑްގެގެ ރައްޔިތެއް ކަމުގައިވާ އެމޯނިވަތު މިސް ސުޓާޕާއެވެ. މިއީ ސްޓާޕާގެ ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. ފުރަތަމަ ދަތުރުގައި 2011 ވަނަ އަހަރު އޭނާ އައީ ހަނީމޫނަށެވެ.

އޭގެ 13 އަހަރު ފަހުން މިއަދު އެއާ އޭޝިއާގެ ބޯޓެއްގައި އޭނާ ރާއްޖެ އައީ، ފިރިމީހާ އާއި ދެ ކުދިންނާ ވެސް އެކު ނިޔާމަ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރާށެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފާ އެކު ސުޓާޕާ އަށް ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ.

މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ އަށް މިއަދު މަރުހަބާ ކިޔަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސުޓާޕާ އަށް ކުލަގަދަ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިން ހަމަވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ފައިސަލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީންނާއި އަދި ޓޫރިޒަމާ ގުޅުން ހުރި އެކިއެކި ފަރާތްތަކުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

އަދި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކުގެ މެދުގައި ގާތް ގުޅުމެއް އޮންނަން ޖެހޭނެ ކަން ފާހަގަކުރައްވައި ވިދާޅުވީ މިއަދު މި ފެންނަނީ އެ ގާތް ގުޅުމުގެ ނަތީޖާ ކަމަށެވެ.

"ސަރުކާރުން މި އަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ ޓާގެޓް އަކީ ދެ މިލިއަން ފަތުރުވެރިން. ޓާގެޓްގެ %50 މި ހަމަވީ" މިނިސްޓަރު ވިދާޅުވިއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން، އެމްއޭސީއެލްގެ ބޭފުޅުންނާއި އަދި މަޓާޓޯގެ އިސް ބޭފުޅުންނާއި ވަނީ އެއާޕޯޓުގައި ކުރިއަށްދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާ އަށް މިއަދު މަރުހަބާ ކިޔަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ފައިސަލް ވިދާޅުވީ ކޮވިޑް-19 އަށް ފަހު ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މި މަސައްކަތާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މިއަހަރުގެ އަމާޒަކީ 2،000،000 ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މި ކަމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ޗައިނާ އާ އެކުގައި އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތް ތަކެއް ކުރައްވާނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރައްވާނެ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ، ޖުލައި 16 ވަނަ ދުވަހުއެވެ. އެހެންވެ، މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވެފައި މިވަނީ މިދިޔަ އަހަރަށް ވުރެ 15 ވަރަކަށް ދުވަސްކުރިންނެވެ. މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރެވެ. މިމަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 4،000 ޓޫރިސްޓުން އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ޗައިނާ އާއި ރަޝިއާ އާއި އިނގިރޭސި ވިލާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންނު

    އެއްމިލިޔަން ފަތުރުވެރިޔާ. ރާއޮޖޭގެ އާބާދީ ހަތަރު ލައްކަ. ބިލިޔަން ޑޮލަރ މި ގަވުމަށް ވަންނައިރު ޕެނަޑޯލް ގުޅައެއްނުލިބި ބޭރު ގަވުމު ތަކަށް ދަރާފަ މި އުޅެން ޖެހެނީ ކީއްވެބާ..

    2
    1