ބޭންކް އޮޕް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓްތައް އުވާލަން އެ ބޭންކުން މިއަދު ނިންމައިފިއެވެ.

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި އެއްވެސް މުއާމަލާތެއް ނުކުރާ އެކައުންޓްތަކުގެ ވެރިފަރާތުން، އެކައުންޓާ މެދުގައި އަމަލު ކުރަންވީ ގޮތް ބޭންކަށް އަންގައި ދިނުމަށް އެދި އެ ކަސްޓަމަރުންނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ބޭންކްގެ އެންގުމާ ގުޅިގެން ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ، އެ ފަރާތްތަކުގެ ނަން ޑޯމަންޓް އެކައުންޓް ލިސްޓްގައި ހިމަނައި ލިސްޓް އިއުލާން ކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ލިސްޓު އިއުލާން ކުރާތާ ދެ މަސް ދުވަސް ހަމަވުމުން އެ ކައުންޓްތައް ބަންދު ކުރުމަށް ފަހު، އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބީއެމްއެލްގެ އިއުލާންގައިވެއެވެ.

މުއާމަލާތް ނުކުރާ އެކައުންޓްތަކުގެ ތެރޭގައި ޖުމްލަ 668 އެކައުންޓެއްގެ މައުލޫމާތު ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.

އެކައުންޓްތަކުގެ ވެރި ފަރާތުން އެކައުންޓް އެކްޓިވޭޓް ކުރުމަށް "މައުލޫމާތު ފޯމް" އާއި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދޭ ސިޓީއެއް، ބީއެމްއެލްގެ ބްރާންޗަށް ހުށަހަޅަން އެ ބޭންކުން ވަނީ އެދިފައެވެ.

އެމްއެމްއޭގައި ހުރި ފައިސާ ބޭނުން ނަމަ، "ޑޯމަންޓް އެކައުންޓްގައި ހުރި ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމް" ފުރާފައި ބީއެމްއެލްގެ ބްރާންޗަކަށް ހުށަހެޅުމުން ފަސޭހަކަމާ އެކު ފައިސާ ލިބެން ހުންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތު

    އަހަރެންގެ އެކައުންޓް ބޭނުން ނުކުރާތާ އަހަރެެއް ނުވެ ކުލޯސް ކޮއްފި. ދެން ކޮން ފަސްއަހަރެއް ކިޔަން. ބޭންކް އޮފް މޯލްޑިވްސް އަކީ އޮޅުވާލައިގެން އުޅޭ ބައެއް.

    3
    1