ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ވަޒީފާގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެކަން ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި މިކަމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާ ނަމަ "ޖޮބް.ސެންޓަރަ" ގައި ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ، މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައި ވާއިރު، ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ކަމަށެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެން އިޤްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤްސަދުގައި ވިޔަފާރި ކޭޝްފްލޯ ފައިސޭންސިންގް ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރަ އާއި އެލަވެންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ ބަދަލެއް އައިސްފައިވާނަމަ، އެ މިނިސްޓްރީން ޤާއިމްކޮށްފައިވާ ޖޮބް.ސެންޓަރ (https://jobcenter.mv/) ގައި ރިޕޯޓުކޮށް އެ މިނިސްޓްރީ އާއި މަޢުލޫމާތު ޙިއްސާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި މަޢުލޫމާތުތަކާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައްވެސް ހުށަހެޅުމަށް އެ އިއުލާނުގައި އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    ބުރުމާ ކައިރީގަ އަހާބަލަ! އޭނަ ކިތަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިންތޯ!!؟

    19