ޓޫރިޒަމްގެ ފަސްވަނަ މާސްޓާ ޕްލޭން އެކުލާވަލުމަށްޓަކައި ނުވަ ދާއިރާއެއްގެ ކޮންސަލްޓެންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާ ވެސް އިއުލާން ކޮށްފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މާސްޓާ ޕްލޭން އެކުލަވާލަން 10 ކޮންސަލްޓެންޓުން ހޯދަން އިއުލާން ކޮށްފައެވެ. އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ އޭގެ ތެރެއިން ނުވަ ކޮންސަލްޓުން ހޯދުމުގެ އިއުލާނުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ނުވަ ކޮންސަލްޓެންޓުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފައި ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަރާތުންނެވެ. އަދި އެ ކަން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި ނުވަ ދާއިރާގެ ކޮންސަލްޓެންޓުންނަށް ވާން ޝައުގުވެރިވާ ފަރާތްތައް ފުރުސަތު މިހާރު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ ދުވަހުގެ ރޭގަނޑު ނުވައެއް ޖެހުމުގެ ކުރިއަށް އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ހުށަހަޅަން އެދިފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރަން އެ މިނިސްޓްރީން އެދެއެވެ.

ޕްލޭން އެކުލަވާލަން ބޭނުންވާ ކޮންސަލްޓެންޓުން

  • އެންވަޔަރަމެންޓަލް ކޮންސަލްޓެންޓް
  • ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް
  • ސޯޝިއޯ-ކަލްޗްރަލް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް
  • ޓޫރިޒަމް މާކެޓިން ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓެންޓް
  • މެރިން އެންޑް ލިވްއެބޯރޑްސް ކޮންސަލްޓެންޓް
  • ލީގަލް ކޮންސަލްޓެންޓް
  • ޓޫރިޒަމް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އިކޮނޮމިކް ކޮންސަލްޓެންޓް
  • ޓޫރިޒަމް ޕޮލިސީ ކޮންސަލްޓެންޓް
  • ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓެންޓް

ޓޫރިޒަމް ފަސް ވަނަ މާސްޓަ ފްލޭން ހަދާނެ ކޮންސެލްޓެންޓުން ހޯދަން މަސައްކަތް ކުރާއިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަލީ ވަހީދު ހުންނެވިއިރު މި މަސައްކަތް އިފްތިތާހް ވެސް ކުރިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ފަތުރުވެރިކަމުގެ ސިނާއަތް އުފެއްދެވި ބައެއް އިސް ބޭފުޅުންނާއި އެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އިސް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީދު

    ތިޔަކަމީ މކުރީގެ ޓޫރިޒަމް މިނުސްޓަރ ފައްޓާ ހުރިހާކަމެއް ރެޑީކޮށްފަ އޮތްކަމެއް، މިފެނިގެންދަނީ ޑރ ވަޒީރަށް ކުރިޔަށް ނުގެންދެވިގެން އުޅޭ މަންޒަރު