ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްފިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ފޮތް ގާޑިޔާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ހަޓެއް ހަދާފައިވެއެވެ. އެކި ކަހަލަ ރަހަތައް އެކުލެވޭ ފޮތްތަކާއިއެކު ހިތްގައިމު ގުދުރަތުގެ ރީތިކަން ފެންނަ ފަދަ ތަނެއްގައި އިނދެގެން ފޮތް ކިޔުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

މި ޕްރޮޖެކްޓުގެ އަމާޒަކީ އާންމުންނަށް ފޮތް ލިބޭނެ މަގު ތަނަވަސްކޮށްދީ މީހުންގެ ހިތްތަކުގައި ފޮތް ކިޔުމަށް ލޯބި ޖެއްސުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މިހާރު ހުޅުމާލޭގައި ފޮތް ގާޑިޔާ ފަރުމާކޮށްފައިވަނީ ދިވެހި ހަރުގެއެއް ގޮތަށެވެ. ހިޔާވާނެހެން ހަދާފައިވާ ހަރުގޭގައި ފޮތްތައް ރައްކާތެރިކަމާއި އެކު ގެންގުޅުމުގެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.

ބީއެމްއެލްއިން ބުނީ ފޮތްގާޑިޔާ ގާއިމުކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވިއްސާރައިގައި ޖެހިގެން ފޮތްތައް ހަލާކުވެ ދިޔަ ނުދިނުމަށާއި، ފޮތް ކިޔަން ތިބޭ މީހުންނަށް ވާރެޔާއި ހިޔާވާނެ ފަދަ ގޮތަކަށް ކަމަށެވެ. މީގެ ސަބަބުން ކުދި ބޮޑު އެންމެންނަށް ފޮތް ކިޔުމަށް މި ފޮތްގާޑިޔާ ބޭނުން ކުރެވިދާނެއެވެ.

މި ހަރުގެ އެހެން ކަންކަމަށް ވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން މައުލޫމާތު ހިއްސާކުރާ ސެޝަންތައް ކުރިއަށް ގެންދިޔުމާއި، ގުރޫޕެއްގެ މީހުން އެއްވެ ފޮތް ކިޔައި، ލިބޭ މައުލޫމާތާއި ގުޅިގެން ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު