ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކޮށް ކޮންމެ ދުވަހަކު ދަތުރެއް ކުރަން އެ އެއާލައިނުން ނިންމައިފިއެވެ.

ގަލްފް އެއާލައިންގެ ދަތުރުތައް މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ގަލްފް އެއާ އިން ބުނި ގޮތުގައި މި ފަހަކަށް އައިސް އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންނަށް ރާއްޖެއަކީ މަގުބޫލު މަންޒިލަކަށްވެފައިވާ ކަމަށެވެ.

އެއާލައިންގެ އެކްޓިންގ ޗީފް އެގްޒެކިއުޓިވް ވަލީދު އަލްއަލަވީ ވިދާޅުވީ، އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރަން ނިންމާފައި ވަނީ ތަރުހީބަށްވެސް ބެލުމަށްފަހު ކަމަށެވެ.

ގަލްފް އެއާ އިން ރާއްޖެއަށް ސިލްސިލާ ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވާއިރު، ހަފްތާއެއްގައި ހިމެނޭ ދުވަސްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ރާއްޖެ އައުމަށް އަދި ރާއްޖެއިން ފުރުމަށް ޓިކެޓް ނެގުމުގެ ފުރުސަތު ތަނަަވަސް ވެގެންދާނެ ކަމަށްވެސް ވަލީދު އަލްއަލަވީ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގަލްފް އެއާ އިން ވަނީ ހަފްތާއަކު ދެ ދަތުރުކޮށްފައެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަލްފް އެއާ އިން ރާއްޖެ އަށް ހަފްތާއަކު ފަސް ފަހަރު ދަތުރުތައް ބާއްވައެވެ. އެކަމަކު، ކޮވިޑް-19 ގެ ސަބަބުން އެ ދަތުރުތައް ކުރުން ހުއްޓާލުމަށް އަލުން ދަތުރުތައް ފެށީ މިދިޔަ ޑިސެމްބަރު މަހުއެވެ.