ނިމިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން މި މަހުގެ 28 ވަނަ ދުވަހު ވަނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ހިސާބުތައް އާއްމުކޮށްފައެވެ.

އެގޮތުން ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނި ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، އަށް އިންސައްތަ އިތުރުވެފައިވާތީ ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައިނުވުމާއިއެކު ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ހަ އިންސައްތަ ދަށްވެފައެވެ. އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަަލާއިރު ފަސް އިންސައްތަ ދަށްކުރެވިފައިއެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސް ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮަސްޓްގެ ގޮތުގައި ވަނީ ހަ މިލިއަން ރުފިޔާ ލިބިިފައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި ތިންވަނަ ކުއާޓަރ ގައިވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސާފު ފައިދާ މަތިވެފައި ވަނީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަރުގައި އެކައުންޓް ކުރުމެން ކަމަށެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ މިކުއާޓާރުގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު