"މިއީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް" މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އިހުސާސްތައް ކިޔައިދިނެވެ. ކޮވިޑް-19ގެ ވަބާއިން އަވަށްޓެރި ގައުމުތަކުން އަރައިނުގަނެވިގެން އުޅެނިކޮށް ރާއްޖެއަށް، މިއަދު މިވަނީ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައެވެ.

މި ސަރަހައްދުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ސްރީލަންކާވެސް ފަތުރުވެރިންނަށް ހުޅުވާލީ އިހަކަށް ދުވަހުއެވެ. ކްލަބް މެޑްގައި ޗުއްޓީ ހޭދަކުރަން ފްރާންސުން އައި ވިންސެންޓް ވިކްޓާ ކޮރެންޓިންގެ ދެމަފިރިންނަށް، ރާއްޖެއަކީ އާ ތަނެއް ނޫނެވެ.

އާ ތަނެއް ނޫނަސް، މި ދެމަފިރިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ނިމުމެއް ނާދެއެވެ. އަދިވެސް އަންނަ ހިތްވަނީއެވެ. ރާއްޖެ ދެކެ މާބޮޑަށް ލޯބިވަނީއެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް އެއާޕޓުން މަރުހަބާ ކިޔުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަލީ

"ރާއްޖެ މިއީ އަހަރުމެންނަށް އެންމެކަމުދާ މަންޒިލް" 19 ފަހަރެއްގެ މަތިން ރާާއްޖެއަށް ޒިޔާރަތްކުރި ކޮރެންޓިންގެ ދެމަފިރިން ބުންޏެވެ. މީގެ ކުރިން އެމީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ވިލަމެންދޫ ރިސޯޓް އާއި ރިހިވެލި ރިސޯޓްގައެވެ. ސަފާރީއެއްގައިވެސް ޗުއްޓީ ހޭދަކުރި ދެމަފިރިންނަށް އެންމެ ބޮޑަށް ގަޔާވަނީ ރާއްޖޭގެ ބީޗްއާއި ޑައިވިންއަށެވެ.

"އަހަރުމެން އެންމެ ބޮޑަށް ދާހިތްވަނީ ޑައިވިންއަށް" ކަރުގައި އަޅާފައި އޮތް ފަށުގެ އޮތް މަންތާ ދައްކާލަމުން ކޮރެންޓީންގެ އަންހެނުން ބުންޏެވެ.

އެ ދެމަފިރިންނަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ/ ފޮޓޯ: އަހުމަަދު އަލީ / ވަގުތު

އެހާ ގިނައިން ރާއްޖެ އަދެވޭ އެއް ސަބަބަކީ "ދިވެހިންގެ ހިތްހެޔޮކަމުން" ހިނިތުންވުމާއެކު ދެމަފިރިން ކިޔަދިނެެވެ. އަންނަ އަހަރު ފެބްރުއަރީގައިވެސް އެ މީހުން ރާއްޖެ އަންނާނެއެވެ. އެ ދެ "ރިޕީޓަރުންނަށް" އެއާޕޯޓުން ހޫނު މަރުހަބާއެއްކިއިރު ޓޫރިޒަމް މިނިސްޓްރީއާ، އެމްއެމްޕީއާރްސީއާ، އެމްއޭސީއެލް އަދި މަޓީން ވަނީ ލިޔެލާއިން ހަދާފައިވާ ބައެއް ތަކެތި ހަދިޔާކޮށްފައެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޕެރެޑައިސް އައިލެންޑް ރިސޯޓުން ހިލޭ ޗުއްޓީއެއްވެސް ވަނީ ދީފައެވެ.

ބޮޑުބެރާއި ނެށުމުގެ ފަރިހަރަކާތްތަކާއެކު އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވާއިރު، އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. އޭނާއަށް ލިބިފައި ހުރި އުފާވެރިކަން ބުނެދޭންވެސް ނޭނގިދާނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އެންމެ އުފާވާނެ ތަނަކަށް މިތަން ހެދުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. މިއަދު އެ ފަތުރުވެރިންނަށް ލިބުނު މި ސަޕްރައިޒަކީ އެ މީހުންގެ މުޅި ހަޔަތާއި ގުޅިފައިވާ އުފާވެރި ސަޕްރައިޒަކަށް ވެގެން ދާނެއެވެ. އަދި މިއީ އެ މީހުންގެ ހަޔާތުގެ ޑައިރީގައި ފަވާލެވޭނެ ދުވަހެެކެވެ. މި ވާހަކަތައް އެ މީހުން ގޮސް އެ މީހުންގެ ރަހުމަތްރިންނާއި އާއިލާ މީހުންގެ ގާތުގައި ދައްކާނެއެވެ. އެއީވެސް އުފަލުން ތިބެއެވެ. މިކަމުން އޮތް ބޮޑު ފައިދާއަކީ ރާއްޖެއަށް އަދިވެސް އަންނަ ހިތްވުމެވެ. އަދި އިތުރު ބަޔަކު ރާއްޖެއަށް ގެނައުމަށް ހިތްވަރު ދިނުމެެވެ.

މި އަހަރު ރާއްޖެ އައި އެއް މިލިއަން ފަތުރުވެރިޔާއަކީ ފްރާންސް ފިރިހެނެއް - ވަގުތު އިމޭޖްސް: އަހުމަދު އަލީ

ކޮވިޑް-19ގެ ހާލަތާއެކުވެސް މިދިޔަ އަހަރު ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައި ވެއެވެ. މި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

 

ބައެއް ގައުމަތަކުގެ ބޯޑަރުވެސް ހުޅުވަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ޔޫރަޕްގެ ފަތުރުވެރިންގެ އަދަދުވެސް ގިނަވާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ވަރަށް އުފާވެރި

    17
    1
  2. Anonymous

    އުފާވެއްޖެ މަސްސަލައަކީ އެމްޑީޕީގެ އިސްވެރިން ރައްޖެއަ ގެއްލުންދޭން ގޮވާތީ.

    2
    2
  3. ނަން އެކަނިރީތި

    އެންމިލިޔަން ފަތުރުވެރިން އައިރު ގައުމީ ެއްވެސް ފުދުންތެރިކަމެއް ނެތިގެން މިދަނީ އެހެންވީމަ ކޮންކަމަކާތޯ އުފަލެއް ވެވެން މިއޮތީ މުޅިންވެސް ބޭރުގެ ފަރާތްތަކުން ލޯނުނެގުމާއި ބޮންޑުވިއްކުމާއި ރައްތައް 99 އުމުރައް ވިއްކާލުން އަހަރުމެން 3 ޖީލް ދާއިރުވެސް އެރައްތަކެއް މިނިވަނެއްނުވޭ އެކަން އެނގޭނެމީހަކުވެސް ދުނިޔޭގަ އުޅޭނެބައޭ ހިތައް އަރަނީ ވެދުންސަލާމް މަރުހަބާ 1 މިލިޔަން ފަތުރުވެރިޔާ އުފާވޭ އެސަރަފް އިންޑިއާގެ މީހަކައް ނުލިބުނީތީ