ރަޝިޔާ ވައްޓާލުމަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް މިހާރު އިނގިރޭސިވިލާތް ވެއްޖެއެވެ.

މި އަހަރު ފަށައިގެން މިދިޔަ މަހާއި ހަމައަށް އައިއިރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިޔާއެވެ. އެހެން ނަމަވެސް ފަހުގެ އަޕްޑޭޓްތައް ދައްކާގޮތުން އެ ލިސްޓުގެ ދެވަނައަށް ރަޝިޔާ މިހާރު ވަނީ ވެއްޓިފައެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ މިހާރު އިނގިރޭސިވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 456،992 ފަތުރުވެރިން އައިސްފައި ވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ އިންޑިއާއެވެ.

އެ މިނިިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ލިސްޓުގެ ދެވަނައަށް ރަޝިޔާ ގޮސްފައި ވަނީ މި މަސް ފެށުނު ފަހުންނެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، 169 ރިސޯޓަކާއި، މެރީނާއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ. އަދި 837 ގެސްޓް ހައުސްއެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ހޯމް ސްޓޭގެ ގޮތުގައި އެއް ތަން ހިނގަމުންދާ ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން 152 ސަފާރީ ވެހިކަލެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 12 ހޮޓަލެއްވެސް އޮޕަރޭޝަނަަށް ގެނެސްފައި ވެއެވެ.

ރަޝިޔާއިން އަންނަ ފަތުރުވެރިންނަށްވުރެ އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާއިރު، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަދަދުތައް ދަށަށް ގޮސްދާނެ ކަމަށް ކުރިންވެސް އަންދާޒާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު