މިއަހަރު ނިމެންވާއިރަށް މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ފެށުމަކީ އަމާޒެއްކަމަށް މާލެއަށް މިނީ ބަހުގެ ހިދުމަތް ދިނުން ސަރުކާރުން ހަވާލު ކޮށްފައިވާ އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އާއި ޙަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މާލޭ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން އެމްޓީސީސީ އާއި ހަވާލާދީ ބުނީ އެމްޓީސީސީ ދަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަންޖެހޭ މަޝްވަރާތައްކޮށް، މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ވަނީ ފައިނަލްކޮށްފައި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެކެވެ. އެމްޓީސީސީ އިން ވިދާޅުވީ، ޚިދުމަތް ފެށުމަށް ބޭނުންވާ 6 މިނީ ބަހަށް އެކުންފުނިން މިހާރު އޯޑަރުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު ބަސްތައް ލިބޭވަރުވާނެކަމަށާއި، އަމާޒަކީ މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުންކަމަށެވެ.

މި ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމްޓީސީސީ އިން ދަނީ ކުރަމުންނެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަން އެމްޓީސީސީ އިން ބުނެއެވެ.

މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމްޓީސީސީ އިން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައި ވެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެއްކަމަށް އެމްޓީސީސީ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ތީ ކުރަން މަޖުބޫވެއްޖެ ކަމެއް. ޓެކްސީ ޑްރައިވަރުން ވަރަށް އިހާނެތިކޮށް ހަދާ. އެމީހުންނަކަށް އެކަމެއް ނުވޭ.

    2
    1
  2. ބެރުވަގު

    ޏުވާނެ ތިކަމެއް މަޖީދީ މަގުގަ މިއުޅެނީ ނޭވާނުލެވިގެން ދެން ކިހިޏެއް ކުރާނީ ތިކަން ޗާލު ވާނެ ވެއްޖެޔާމު

    2
    1