މިދިޔަ އަހަރު ކުންފުނީގެ ފައިދާއިން ބީއެމްއެލްގެ ހިއްސާދާރުންނަށް އިންޓަރިމް ޑިވިޑެންޑް ބަހައިފި އެވެ.

ބީއެމްއެލް އިން ބުނީ ހިއްސާދާރުންނަށް އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން 70 މިލިއަން ރުފިޔާ ބަހަން ހަމަޖައްސާފައިވާ ކަމަށެވެ. އިންޓަރިމް ޑިވިޑެންޑް ބަހަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ތިބި މީހުންނަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ވަނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188 މިލިއަން ރުފިޔާ ބެހުމަށް ނިންމައިފަ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން އިންޓަރިމް ޑިވިޑެންޑެއް ބެހުމަށް މިދިޔަ މަހު ނިންމާފައިވާތީ ގިނަ ހިއްސާދާރުންނަށް ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ލިބޭނެ އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވި އުދަގޫ ހާލަތަށް ފަހު އެކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ވަނީ 5.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަދީޖާ

    އަހަރެން މިއީ އެ ބޭންކުގެ ހިއްސާދާރެއް. ތިޔަބުނާ ޑިވިޑެންޑުގެ ފައިސާއެއް އަހަންނަކަށް އަދި ނުލިބޭ. އަހަރެންގެ އެކައުންޓަކަށް ތިޔަ ފައިސާ އަަދި ޖަމައެއް ނުވޭ.