ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ނިންމައިފިއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި ލައިބްރަރީ ފުރިހަމަކުރުމާއި މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ހެދުން ހިމެނޭ ކަމަށެވެ.

މިއީ އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގަން ހަމަޖައްސާފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ކަމެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޓިމް ސޯޔާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަ ބަދަލުތަކަކީ ކަމާ ބެހޭ މިންގަނޑުތަކަށް ފެތޭ ކަންކަމަށް ވާނެ ކަމަށެވެ. އަދި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން،" ސޯޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން، ބީއެމްއެލްއިން ދަނީ ކޮންމެ މަހަކު، މުޖުތަމައަށް ފައިދާ ކުރާ މުހިންމު ކަންކަން ހިންގަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ސްމޯލް ގްރާންޓްސް، ހައުސިން ގްރާންޓް، ބީއެމްއެލް ސްޓާޓަޕް ގްރާންޓް އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުމުގެ އިތުރުން ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ހަރަކާތެވެ.

 

ކިޔުންތެރިންގެ ހިޔާލު