މިދިޔަ އަހަރު ނިމުނު އިރު އެމްޓީސީސީ އަށް ރިކޯޑު މިންވަރަކަށް ފައިދާ ވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ނަތީޖާއިން ދައްކައިފިއެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ މާލީ ނަތީޖާ އިއްޔެ ވަނީ އެ ކުންފުނީގެ ވެބަސައިޓްގައި އާންމުކޮށްފައެވެ. ހިސާބުތައް ދައްކާ ގޮތުން، އެމްޓީސީސީއަށް މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ލިބިފައި ވަނީ މިދިޔަ އަހަރުއެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ އެމްޓީސީސީއަށް ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު 21 އިންސައްތައިގެ އިތުރު މިންވަރެކެވެ. މިދިޔަ އަހަރު ޖުމްލަ އެމްޓީސީސީ އިން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރިއިރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ޖެހުނީ 271.82 މިލިއަން ރުފިޔާ ކަމަށް މާލީ ނަތީޖާއިން ދައްކައެވެ.

އެމްޓީސީސީން 2020 ގައި ކުރީ 1.39 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. އަދި ފައިދާގެ ގޮތުގައި ޖެހުނީ 224.71 މިލިއަން ރުފިޔާއެވެ.

މި މާލީ ނަތީޖާއާއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2021 ވަނަ އަހަރުގެ އަހަރޫ އާންމު ޖަލްސާގައި 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާ އަދި ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބަހަން ނިންމައިފައެވެ.

މިއީ އެމްޓީސީގެ ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދު ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރު އެމްޓީސީސީގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ހިންގާފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ އާ 57 މަޝްރޫއުއެއް ކުންފުންޏާ ހަވާލުކޮށް 27 މަޝްރޫއުއެއްގެ މަސައްކަތް ނިންމާފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާ ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށްގެން މާކެޓިން ހަރަކާތްތަކެއް ހިންގާފައިވާނެ ކަމަށާއި މުޅި ރާއްޖޭގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރުމުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ގްރޭޓާ މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ދެމުން ދިޔަ އާންމު ބަހާއި ފެރީގެ ހިދުމަތް ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން، އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 'ރާއްޖެ ޓްރާންސްޕޯޓް ލިންކް' ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖުމުލަ 304 ހަރަކާތެއް ހިންގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ފައިދާ ދައްކަނީ. އެކަމަކު ހިއްސާ ދާރުންނަށް މިސަރުކާރު އައިފަހުން އަދި އެލްމެނިއަމް އެންމެ ލާރިއެއްވެސް ނުލިބޭ.

  2. Anonymous

    ކުދިވިޔަފާރިތައް ފުނޑާލާފަ ފައިދާ ހޯދިދާނެ އެކަމު ވޯޓު ހޯދަން ހަނދާންނައްތާލާ. އަހަރެމެންގެ އާޢިލާތަކުގެ ވޯޓެއް ވަކި މަދެއްނުވާނެ