ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔަތެއްގައި އެ އެއްބަސްވުމުގައި ދިރާގު ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓަށް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގު ބައިވެރިވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވެސް ވިދާޅުވީ ގްލޯބަލް ސަމިޓުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.

"މި ސަމިޓުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާވުމަކީ ލިބިގެންދާނެ އުފަލެއް." އަލީ ރިޔާޒު ވިދާޅުވިއެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކަކާއެކު ކްރޮސްރޯޑް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބާއްވާ މި ސަމިޓު އޮންނާނީ މިމަހުގެ 13 އިން 16 ގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން މި ސަމިޓު ބާއްވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު